ހޫނު މޫސުމުގެ ދުވަސްވަރަކީ އާދަޔާ ހިލާފު ގިނައިން ހަށިގަނޑަށް ފެން ބޭނުންވާ ދުވަސްވަރެކެވެ. ހަށިގަނޑުން ފެން މަދުވުމުގެ ސަބަބުން ކުރިމަތިވާ ތަފާތު އެކި ސިއްހީ އުނދަގޫތަކުން ސަލާމަތްވުމަށް މާ ގިނައިން ފެން ބޯ މީހުންވެސް މަދެއް ނޫނެވެ. ރޯދަ ވީއްލާއިރުވެސް ގިނަ މީހުންނަށް ވާ ގޮތަކީ މިއީއެވެ. ނަމަވެސް މާ ގިނައިން ފެންބުއިމުގެ ސަބަބުން އޯވާހައިޑްރޭޓް ވުމަކީވެސް މައްސަލައެއްކަން ހަނދާނުގައި ބަހައްޓަން ވާނެއެވެ.
ހަށިގަނޑަށް ބޭނުންވާ މިންވަރަށްވުރެ ގިނައިން ފެންބޮވުމަކީ ހައިޕޯނެޓްރިމިއާގެ ހާލަތަށް ދިއުމަށް މަގުފަހިކުރާ ކަމެކެވެ. މިއީ ހަށިގަނޑުގައި ސޯޑިއަމް އެކުލެވޭ މިންވަރު އިންތިހާއަށް ދަށްކޮށްލާ ހާލަތަކެވެ. ނަމަވެސް ސޯޑިއަމްއަކީވެސް ހަށިގަނޑަށް ބޭނުންވާ މާއްދާއެކެވެ.
އޯވާހައިޑްރޭޓްވާކަން ދެނެގަންނާނީ ކިހިނެއް؟
ކުޑަކަމުދާ ތަކެތީގެ ކުލައަށް ބަލާތި
ގިނައިން ފެންބުއިމަކީ ގިނަގިނައިން ކުޑަކަމުދާންޖެހޭނެ ކަމެއްތާއެވެ. ސަމާލުކަން ދޭންވީ މިކަމަށެވެ. ކުޑަކަމުދާ ތަކެތި ހުންނަ ކުލަ ބަލާލުން އެދެވިގެންވެއެވެ. ދުޅަހެޔޮ ސިއްހަތެއްގައި ހުންނަ މީހެއް ނުވަތަ ހަށިގަނޑުގެ ހުރިހާ ކަމެއް ރަނގަޅަށް ހުންނަނަމަ ކުޑަކަމުދާތަކެތި ހުންނާނީ މަޑު ރީނދޫ ކުލައެއްގައެވެ. ނުވަތަ މަޑު ރީނދޫ ކުލައިގެ ޝޭޑްތަކެއްގައެވެ. ކުޑަކަމުދާތަކެތީގައި އެއްވެސް ކުލައެއް ނެތްނަމަ އެއީވެސް މައްސަލައެކެވެ. އެއީ އޯވާހައިޑްރޭޓްވުމުގެ އެންމެ ފާޅުކަންބޮޑު އަލާމާތެވެ.
ކަރުނުހިއްކަނީސް ފެންބޮންތަ؟
ތިބާއަކީ އަބަދުވެސް އަތުގައި ފެންފުޅިއެއް ގެންގުޅޭ މީހެއްހެއްޔެވެ؟ ފެން ބޯ ހިތްނުވަނީސް ނުވަތަ ކަރު ނުހިއްކަނީސް ފެންބޯ މީހެއް ހެއްޔެވެ؟ ޖަވާބުގައި އާނބަސް ބުނަންޖެހިއްޖެނަމަ އެކަން މިހާރުން މިހާރަށް ހުއްޓާލާށެވެ. ކަރުހިއްކުމަކީ ޑީހައިޑްރޭޓްވާންދާއިރު ހަށިގަނޑުން ފޮނުވާ ސިގްނަލެކެވެ. ވީއިރު، ކަރުނުހިއްކަނީސް ފެން ބުއިން އާދަކޮށްފިނަމަ އެ ސިގްނަލް ފޮނުވުމަށް ހަށިގަނޑަށް އޮޅުންތަކެއް އަރާގޮތްވެއެވެ.
މޭ ނުބައި ކުރުމާ ހޮޑުލެވުން
ތަޖުރިބާކާރުން ބުނާ ގޮތުން އޯވާހައިޑްރޭޝަންގެ އަލާމާތްތަކާ ޑީހައިޑްރޭޝަންގެ އަލާމާތްތަކާ މާ ބޮޑު ތަފާތެއް ނެތެވެ. ކިޑްނީއަށް ނުތަކާ ވަރަށް ގިނައިން ފެން ބޮއިފިނަމަ ހަށިގަނޑުގެ އެހެން ހިސާބުތަކަށް އެ ފެންތައް ފޮނުވާލައެވެ. ނަތީޖާއަކަށްވަނީ ބަނޑުގެ އެކި އުނދަގޫތަކާ ކުރިމަތިލާންޖެހުމެވެ. މީގެ ބައެއް އަލާމާތްތަކުގެ ތެރޭގައި މޭ ނުބައި ކުރުމާއި ހޮޑުލުން ފަދަ ކަންކަން ހިމެނެއެވެ.
ބޮލުގައި ރިއްސުން
އޯވާހައިޑްރޭޓްވުމުގެ އެންމެ އާންމު އެއް އަލާމާތަކީ ބޮލުގައި ބާރުގަދަ ވިންދެއް ޖަހާހެން ރިއްސާ ރިއްސުމެވެ. ބައެއް ފަހަރު، މިކަމަށް މާ ބޮޑު ސަމާލުކަމެއް ނުދެވިވެސް ހުރެއެވެ. މާގިނައިން ފެންބޮވިއްޖެނަމަ އެތެރެ ހަށީގެ ގުނަވަންތައް ޒާތަކަށް ބޮޑުވެ، ހަށިގަނޑުގައި ލޮނު އެކުލެވޭ މިންވަރު އިންތިހާއަށް ދަށްކޮށްލައެވެ. މިއާއެކު ސިކުނޑީގެ ނާރުތަކަށް އަންނަ ޕްރެޝަރާއެކު ބޮލުގައި ރިހުމަކަށް ބަދަލުވެއެވެ.
ތުންފަތާ ބައެއް ގުނަވަންތައް ދުޅަވާ ގޮތްވުން
އޯވާހައިޑްރޭޓްވުމުގެ އަނެއް އަލާމަތީ ތުންފަތާ، މޫނާ އަދިވެސް އެހެން ބައެއް ގުނަވަންތައް ދުޅަވެފައި ހުންނަ ކަހަލަ ގޮތަކަށް ފުއްޕަން ފެށުމެވެ. މީގެ އިތުރުން ހަންގަނޑުގެ ކުލަ މަރުވުން ކަހަލަ ގޮތެއް މެދުވެރިވުމާ، މުޅި މީހާގެ ހަށިގަނޑު ފުއްޕާ، ބަރުދަން އިތުރުވާ ގޮތްވެސް މެދުވެރިވެދާނެއެވެ.
އަކުނިވަޔަށް ދެމުމާއި މަސްތަކުގެ ބާރު ދަށްވުން
މާ ގިނައިން ފެންބުއިމަކީ ހަށިގަނޑުގައި އިލެކްޓްރޯލައިޓްސް އެކުލެވޭ މިންވަރު ދަށްކުރާ ކަމެކެވެ. މިއާއެކު ހަށިގަނޑުގެ އެކި ތަންތަނުގައި ރިއްސުމާ، މަސްތަކުގައި ރިއްސުމާ، އެކި ގުނަވަންތައް އަކުނިވަޔަށް ދެމުންފަދަ އުނދަގޫތަކާވެސް ކުރިމަތިކުރުވައެވެ.
ޑޮކްޓަރެއްގެ އިރުޝާދު ހޯދުން
މިދެންނެވުނު އަލާމާތްތަކަކީ އެހެން ބަލިތަކެއްގެ ސަބަބުންވެސް ކުރިމަތިވެދާނެ އަލާމާތްތަކަކަށްވާއިރު، މިފަދަ އަލާމާތްތައް ފެންނަން ފަށާ، ފަސޭހައިން ރަނގަޅު ނުވެއްޖެނަމަ ދުރާލާ ސިއްހީ ތަޖުރިބާކާރެއްގެ އިރުޝާދާ ލަފާ ހޯދުން ބުއްދިވެރިއެވެ.