ސްރީ ލަންކާއަށް ދިން ޓެރަރިސްޓް ހަމަލާގެ މޭސްތިރި ކަމުގައިވާ ޒަހްރާން ހާޝިމް (މުހައްމަދު ޒަހްރާން) 2016 ވަނަ އަހަރު އެހެން ނަމެއްގައި ރާއްޖެ އައިކަމެއް ނުވަތަ ނާންނަ ކަމެއް އަދި ސާފުވެ ވަޑައިނުންނަވާ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

މިކަމާ ގުޅޭގޮތުން ނަޝީދު ކުރައްވާފައިވާ ޓްވީޓެއްގައި ވިދާޅުވެފައި ވަނީ ބޭރު ޝެއިހުންނަށް ހެދިގެން ރާއްޖެ އަންނަ މީހުން ރަނގަޅަށް ސާފުވެ ވަޑައިނުގަންނަވާ ކަމަށާ އެފަދަ ފަރާތްތަކަށް ރަނގަޅަށް ނޭނގި ރާއްޖެ އައުމުގެ ވިސާ ދޫކުރުމަކީ ބުއްދިވެރި ކަމެއް ނޫން ކަމަށެވެ.

އިންޑިއާ އަށް ނިސްބަތްވާ ފަރާތްތަކަކުން ވަނީ ޒަހުރާން ރާއްޖޭގައި އުޅުނު ކަމަށްބުނެ ރިޕޯޓު ކޮށްފައެވެ. ނަމަވެސް ރާއްޖޭގެ އިމިގްރޭޝަނުން ބުނެފައި ވަނީ ޒަހްރާން ވޭތުވެދިޔަ 5 އަހަރުގެ ތެރޭގައިވެސް ރާއްޖެ އައިސްފައި ނުވާކަމަށެވެ. އޭނާ އެހެން ނަމެއްގައި އައި ކަމަކަށް އިމިގްރޭޝަނުން ބުނެފައެއް ނުވެއެވެ.

ނަމަވެސް ޒަހްރާން ދެކުނު އިންޑިއާގައި ދުވަސްތަކެއް ވާންދެއް އުޅެފައި ވާކަމަށް ލަންކާގެ އަސްކަރިއްޔާއިން ވަނީ ބުނެފައެވެ.

ސްރީލަންކާއަށް އަމާޒުވި ޓެރަރިސްޓް ހަމަލާތަކުގައި އިސްކޮށް ހަރަކާތްތެރި ވެފައިވަނީ އައިސިސް ޖަމާއަތު ލީޑަރަށް ބައިއަތު ހިފާފައިވާ ޒަހްރާން ހާޝިމް (މުޙައްމަދު ޒަހްރާން) ކަމަށް ސްރީލަންކާއިން ވަނީ ބުނެފައެވެ.