މިނިސްޓާ އޮފް ފޮރިން އެފެއާސް އަބްދުﷲ ޝާހިދު އީޔޫ ކައުންސިލްގެ ރިޔާސަތު ބަލަހައްޓަމުން ގެންދާ ރޫމޭނިއާ އަށް ކުރަށްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން ދެގައުމުގެ ގުޅުން އިތުރަށް ހަރުދަނާ ކުރުމަށް މަޝްވަރާ ކުރެއްވުމަށް ހަމަޖެހިފައި ވާ ކަމަށް ފޮރިން މިނިސްޓްރީން ބުނެއެވެ.

މި މަޝްވަރާ ބައްދަލުވުން ތަކުގައި އިޔޫއިން ރާއްޖެއަށް އިންވެސްޓުމެންޓުތައް ގެނައުމާއި، ދިވެހި މަސްވެރިކަމުގެ ބާވަތްތަކުން ނަގަމުންދާ 24 ޕަސެންޓު ޑިއުޓީ ކުޑަ ކުރުމުގެ އިތުރުން ޔޫރަޕަށް ދިއުމަށް ނަގަންޖެހޭ ވިސާއާ ގުޅޭގޮތުން މަޝްވަރާ ކުރައްވާނެ ކަމަށް ފޮރިން މިނިސްޓްރީން މައުލޫމާތު ދެއެވެ.

މި ދަތުރުގައި ވައިސް ޕްރައިމް މިނިސްޓަރ ފޯ ސްޓްރެޓީޖިކް ޕާޓްނާޝިޕްސް އިމްޕްލިމެންޓޭޝަން އަނާ ބާޗޯލްއާއި ރާއްޖޭގެ ފޮރިން މިނިސްޓަރު މިއަދު ވަނީ ބައްދަލުކުރައްވައި ރާއްޖެއާއި ރޫމޭނިއާގެ ގުޅުން އިތުރަށް ހަރުދަނާ ކުރުމާ ގުޅޭގޮތުން މަޝްވަރާ ކުރައްވާފައެވެ.

މި ބައްދަލުވުން ބާއްވައިފައި ވަނީ މިއަދު ހެންދުނު ރޫމޭނިއާގެ ބޮޑުވަޒީރުގެ އޮފީސް ވިކްޓޯރިޔާ ޕެލެސްގައެވެ. ތަފާތު އެކި ދާއިރާތަކުން ދިވެހިރާއްޖެއާއި ރުމޭނިއާއާއި ދެމެދު ގުޅުން ބަދަހިކުރުމާއި ބެހޭ ގޮތުން ދެބޭފުޅުން މަޝްވަރާކުރެއްވިއެވެ.

އެގޮތުން ސިއްހީ ދާއިރާއާއި، ޤުދުރަތީ ކާރިސާތަކުން ލިބޭ ގެއްލުންތައް ކުޑަކުރުމުގެ މަސައްކަތުގެ ދާއިރާއިންނާއި، ވިޔަފާރިއާއި އިންވެސްޓްމަންޓްގެ ދާއިރާގެ އިތުރުން ތައުލީމާއި، އިންފޮރމޭޝަން ޓެކްނޮލޮޖީގެ ރޮނގުންނާއި ޓެރަރިޒަމާއި ހައްދުފަހަނައެޅުމާއި ދެކޮޅަށް ދެޤައުމު ގުޅިގެން މަސައްކަތްކުރުމާއި ބެހޭ ގޮތުން މަޝްވަރާ ކުރެއްވިއެވެ.

މީގެ އިތުރުން ރާއްޖޭގެ މަހުގެ ބާވަތްތައް ޔޫރަޕްގެ މާރކެޓްގައި އިތުރަށް ޕްރޮމޯޓްކުރުމަށް ދިވެހި ސަރުކާރުން ބޭނުންވާކަން ހާމަކުރައްވައި، މިނިސްޓަރު ޝާހިދު ވަނީ އެކަމާ ގުޅޭ ގޮތުން މަޝްވަރާކުރައްވާފެވެ.