ގައުމުތަކުގެ ލީޑަރުން ދެއްވާ ތަގުރީރަކީ ބައެއް މީހުން ގަޔާވާ ތަގުރީރު ތަކަށްވާއިރު އަނެއް ބައި މީހުން ތިބެނީ ފޫހިވެގެން ހަލާކުވެފައެވެ. މިއާ ޚިލާފަށް ފިލިޕީންސްގެ ރައީސް ހޮދްރީގޯ ދޫތާޗީގެ ތަގުރީރުތަކަކީ އަބަދުވެސް ގިނަ ބައެއްގެ ސަމާލުކަން ދަމައިގަންނަ ތަގުރީރުތަކަށް އޮންނަނީ ވެފައެވެ.

މިފަހަރު ސަމާލުކަން ދަމައިގަތީ ދޫތާޗީ ތަގުރީރު ކުރައްވަމުން ގެންދެވި ވަގުތު ތުރުކުރައްވައިގެން ހުންނެވި ޓީޝާޓުގައި ބޮޑު ކުރައްޕެކެވެ. ބޮހޯލްގައި ކުރިއަށްދިޔަ ކެމްޕޭން ރެލީއެއްގައި ދޫތާޗީ ތަގުރީރު ކުރައްވަމުން ގެންދެވި ވަގުތު ޓީޝާޓުކޮޅުގައި ދިރޭ ކުރައްޕެއް ކޮޅުކޮޅަށް ދުވާތީ ގިނަ މީހުން ބަސްހުއްޓުވާލިއެވެ.

އިންޓަނެޓްގައި ދައުރުވަމުންދާ ވީޑިއޯއަށް ބަލާއިރު ދޫތާޗީގެ ޓީޝާޓުކޮޅުގައި ކުރަފި ދުވަން ފެށުމާއެކު ރައީސްގެ އެސިސްޓަންޓަކު އައިސް ކަރުދާސްތަކަކުން އެ ކުރަފި ފޮޅާލަން މަސައްކަތްކުރެއެވެ. ނަމަވެސް އަނެއްކާވެސް އެ ކުރަފި ކާމިޔާބު ހޯދާ، ދޫތާޗީގެ ޓީޝާޓުކޮޅުގައި އެކި ކޮޅުކޮޅަށް ދުވަން ފަށައެވެ. އެންމެފަހުން އެ ކުރަފި ދުރަށް ލާން ޖެހިވަޑައިގަތީ ޚުދު ދޫތާޗީއަށެވެ.

ގާތްގަނޑަކަށް 10 ސިކުންތެއްހާއިރަށް ދެމިގެންދިޔަ މި ކުރު ޑްރާމާގެ ބައެއް މަންޒަރުތައް އިންޓަނެޓުން ނަގާފައި ވީ ނަމަވެސް، އަދިވެސް ގިނަ ބަޔަކު ދަނީ މީމްގެ ގޮތުގައި މި މަންޒަރުތައް ބޭނުންކުރަމުންނެވެ.

މިކަމެއް ހިނގާފައި މިވަނީ އިންޓެނެޓްގައި ދޭތެރެ ދޭތެރެއިން ވައިރަލްވަމުންދާ އެކި ކަހަލަ ޗެލެންޖުތަކުގެ ތެރެއިން "ކުރަފި ޗެލެންޖު" ވައިގައި ހިފާފައިވާ ދުވަސްވަރެއްގައެވެ. މި ޗެލެންޖު ބުނާ ގޮތުން މޫނުމަތީގެ ކޮންމެވެސް ހިސާބެއްގައި ދިރޭ ކުރައްޕެއް އުޅޭ މަންޒަރުތައް ސޯޝަލް މީޑިއާގައި ހިއްސާކުރަންޖެހެއެވެ. މި ޗެލެންޖަކީ މިޔަންމާގެ ކުއްޖަކު، އޭޕްރިލް 20 ވަނަ ދުވަހު ފެށި ޗެލެންޖެކެވެ.