ފަތުރުވެރިންގެ މެދުގައި ބޮޑު މަގުބޫލުކަމެއް ހޯދާފައިވާ ތައިލޭންޑްގެ މާޔާ ބޭގެ "ދަ ބީޗް"، 2021 ވަނަ އަހަރުގެ ނިޔަލަށް ބަންދުކޮށްފައި ބޭއްވުމަށް ތައިލޭންޑްގެ ކަމާ ބެހޭ ފަރާތްތަކުން ނިންމައިފިއެވެ.

އެ ސަރަހައްދަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދު އިންތިހާއަށް އިތުރުވެ، އެ ސަރަހައްދުގެ ތިމާވެއްޓަށް ބޮޑެތި ގެއްލުންތަކެއް ލިބެމުންދާތީކަމަށް ބުނެ، ތައިލޭންޑްގެ ކަމާ ބެހޭ ފަރާތްތަކުން 2018 ވަނަ އަހަރުވެސް ވަނީ ވަގުތީ ގޮތުން މާޔާ ބޭގެ 'ދަ ބީޗް" ބަންދުކޮށްފައެވެ.

ފީ ފީފީ ލޭ ނަމަކަށް ކިއާ ރަށުގައި އޮންނަ މި ސަރަހައްދަށް ދުވާލެއްގެ މައްޗަށް 5000 އަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކުރާއިރު، މި ސަރަހައްދުގެ ފަރުތަކުގެ މުރަކަތައް ވަރަށް ބޮޑަށް ހަލާކުވެފައިވާކަމަށް މައުލޫމާތު ލިބެއެވެ. ގިނަ އަދަދެއްގެ މުރަކަތައް މަރުވެފައިވާކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ.

2 އަހަރު ދުވަހުގެ މުއްދަތަކަށް މާޔާ ބޭހެ "ދަ ބީޗް" ބަންދުކުރުމަށް ނިންމާފައިވަނީ އެ ސަރަހައްދުގެ ތިމާވެށި އަލުން އިޔާދަވެ ތަނަވަސްވެ، އާރޯވުމަށް ފުރުސަތު ދިނުމުގެ ގޮތުން ކަމަށްވެއެވެ.

މާޔާ ބޭގެ ގޮނޑުދޮށަށް ފަތުރުވެރިންގެ ސަމާލުކަން ހުއްޓުނީ ލިއަނާޑޯ ޑިކެޕްރިއޯ ހަރަކާތްތެރިވި، 2000 ވަނަ އަހަރުގެ މަޝްހޫރު ފިލްމް "ދަ ބީޗް"އަށް ފަހުގައެވެ.

ތައިލޭންޑްގެ މާޔާ ބީޗްގެ ގޮނޑުދޮށްތަކަށް ފަތުވެރިންގެ ސަމާލުކަން ހުއްޓުވާލި ފިލްމް "ދަ ބީޗް"ގެ މަންޒަރެއް/ފޮޓޯ: ޔޫޓިއުބް ސްކްރީން ގްރޭބް

ތައިލޭންޑްގެ ޑިޕާޓްމަންޓް އޮފް ނޭޝަނަލް ޕާކްސްއިން ބުނީ މި ސަރަހައްދު އަލުން ހުޅުވާއިރު ހައްދުތަކެއް އޮންނާނެ ކަމަށާ، އެގޮތުން ދުވާލެއްގެ މައްޗަށް އެ ސަރަހައްދަށް އެންމެ ގިނަވެގެން ޒިޔާރަތްކުރެވޭނެ ފަތުރުވެރިންގެ އަދަދު ކަނޑައެޅޭނެ ކަމަށާ، އެ ސަރަހައްދުގައި އެކި ކަހަލަ އުޅަނދުތައް ދުއްވުމަށްވެސް ގަވައިދުތަކެއް ކަނޑައެޅިގެންދާނެކަމަށެވެ.

ކަންމިހެން އޮތްއިރު، މާޔާ ބޭގައި ލޯކަލް ޓުއަރިޒަމަށް ބަރޯސާވެގެން ދިރިއުޅުން ބިނާކުރަމުންދިޔަ ގިނަ ބަޔަކު ދަނީ މި ނިންމުމާ ދެކޮޅަށް ވަކާލާތު ކުރަމުންނެވެ.