ސުޕްރީމް ކޯޓުން ދީބާޖާގެ މައްސަލަ އިތުރަށް ރިވިއު ކުރަން ޖެހޭ ކަމަށް އެމްޑީޕީގެ ސެކެޓްރީ ޖެނެރަލް އަނަސް އަބްދުލް ސައްތާރް ވިދާޅުވެއްޖެއެވެ.

އަނަސް ވިދާޅުވީ، 348 މިލިއަން ރުފިޔާ އަކީ ދީބާޖާ އަށް ގެއްލުމުގެ ބަދަލުގެ ގޮތުގައި ސިވިލް ކޯޓުން ކަނޑައެޅި އަދަދު ކަމަށެވެ. ނަމަވެސް، އޭގެ 50 ޕަސަންޓަކީ ވިޔަފާރި ގެއްލުމަށް ވުރެ ބޮޑަށް ކިންގްސް އެޓާނީސް އަށް ދޭން ޖެހޭ ފައިސާ ކަމަށެވެ. އަނަސް ވިދާޅުވީ، އެއީ މައްސަލަ އިތުރަށް ސުޕްރީމް ކޯޓުން ރިވިއު ކުރަން ޖެހޭ ސަބަބެއް ކަމަށެވެ.

އަނަސް މިހެން ވިދާޅުވިއިރު، "ސަކްސެސް ފީ" ގެ ގޮތުގައި އަލްހާން ފަހުމީގެ ހިއްސާ އޮންނަ ލޯ ފާމެއް ކަމުގައިވާ "ކިންގްސް އެޓާނީސް އެންޑް ކޮންސަލްޓަންޓްސް" އަށް 174 މިލިޔަނަށް ވުރެން ގިނަ ރުފިޔާ ދޭން ޖެހިފައިވާ ކަން ހާމަވާ އެއްބަސް ވުމެއް އަންނަނީ ސޯޝަލް މީޑިއާގައި ދައުރުވަމުންނެވެ.

ދީބާޖާ އިންވެސްޓްމެންޓަކީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުން އުތުރު ޕްރޮވިންސަށް ފެރީގެ ހިދުމަތް ދިނުމަށް އޭރުގެ ސަރުކާރާއެކު އެއްބަސްވި ކުންފުންޏެވެ. އެކުންފުންޏަށް ދެރަށްވެސް ދީފައި ވާއިރު ފެރީގެ ހިދުމަތް ދޭން ގެންގުޅުނީ އެންމެ ދޯންޏެކެވެ. އެގްރީމެންޓާ އެއްގޮތަށް ހިދުމަތް ދީފައި ނުވާތީއާއެކު ކުރީގެ ރައީސް މުހައްމަދު ވަހީދުގެ ސަރުކާރުން ވަނީ އެއްބަސްވުން ބާތިލްކޮށްފައެވެ. އެއްބަސްވުން ބާތިލު ކުރުމުން ލިބުނު ގެއްލުމުގެ ބަދަލު ކަމަށް ބުނެ އެ ކުންފުނިން ހުށަހެޅި މައްސަލައިގައި 348 މިލިއަން ރުފިޔާ ދައުލަތުން ދީބާޖާއަށް ދޭން ޖެހޭނެ ކަމަށް ދަށުކޯޓުން ކުރި ހުކުމް ސުޕްރީމް ކޯޓުން ވަނީ ދަމަހައްޓާފައެވެ.

ދީބާޖާ އިންވެސްޓުމެންޓާ އެކު ކުރީގެ ރައީސް ނަޝީދުގެ ސަރުކާރުން އެއްބަސް ވުމެއް އެކުލަވާލައިފައި ވަނީ 2010 ވަނަ އަހަރުއެވެ. އެއްބަސްވުން އުވާލި މައްސަލައިގައި ވީ ގެއްލުމުގެ ބަދަލުގެ ގޮތުގައި ދީބާޖާއިން 2.4 ބިލިއަން ރުފިޔާ ހޯދުމަށް ދައުވާ ކުރިއެވެ. ނަމަވެސް ސިވިލް ކޯޓުން ހުކުމް ކުރީ ބަދަލުގެ ގޮތުގައި 348 މިލިޔަން ރުފިޔާ ދިނުމަށެވެ.