ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އަދި މި ސަރުކާރުވެސް ތެދުވާނީ އިސްރާއިލްގެ އަނިޔާވެރިކަމާ ދެކޮޅަށް ކަމަށް މިނިސްޓާ އޮފް ޔޫތް އެންޑް ސްޕޯޓްސް އަހްމަދު މަހްލޫފް ވިދާޅު ވެއްޖެއެވެ.

މަހްލޫފް މިހެން ވިދާޅުވީ، ސަރުކާރުގެ ރަސްމީ ސްޓޭންޑާ ދެކޮޅަށް މަހްލޫފް ތެދުވެވަޑައިގެން އިސްރާއީލާ ދެކޮޅަށް ޓްވީޓު ކުރެއްވުމަކީ އެއްގޮތުން ބަލާއިރު އެހާ ޕްރޮފެޝަނަލް ކަމެއް ނޫން ކަމަށް ބުނެ އޮންލައިން މީޑިއާ އަކުން ލިޔުނު ހަބަރަކާއި ގުޅިގެންނެވެ.

މަހްލޫފް ވިދާޅުވީ، އިސްރާއީލާ ދެކޮޅަށް ތެދުވެވަޑައިގަތުމަކީ ސުވާލުވެސް އުފައްދަން ޖެހޭ ކަމެއް ނޫން ކަމަށެވެ. އަދި ދިވެހި ސަރުކާރާއި ރައްޔިތުން އަބަދުވެސް ތިބޭނީ އިސްރާއިލްގެ އަނިޔާވެރިކަމާ ދެކޮޅަށް ކަމަށާއި ދިވެހިންގެ ހެޔޮ ދުއާ އަބަދުވެސް ވާނީ ޕަލަސްތީނުގެ މުސްލިމުންނާ އެކުގައި ކަމަށެވެ.

އޮންލައިން މީޑިއާ އެއްގައި ލިޔުނު މި ހަބަރުގައި ބުނެފައި ވަނީ އެއްގޮތުން ބަލާއިރު، ކެބިނެޓް މިނިސްޓަރުންނަކީ ސަރުކާރުގެ ސްޓޭންޑާ އެއްގޮތަށް ބަހާއި އަމަލު ބަހައްޓަން ޖެހޭ ބައެއް ކަމަށް ވާތީ ސަރުކާރުގެ ސްޓޭންޑާއި ދެކޮޅަށް ޓްވީޓް ކުރުމަކީ ޕްރޮފެޝަނަލް ކަމެއް ނޫން ކަމަށެވެ. އަދި އަނެއް ކޮޅުން ބަލާއިރު މަހްލޫފްގެ މި އަމަލުން ދައްކުވައިދެނީ އޭނާގެ ހިތްވަރާއި އިންސާނިއްޔަތު ވަންތަ ކަން ކަމަށް އެ ހަބަރުގައި ވެއެވެ.