މުސްލިމުންނާ ބައްދަލުކުރާ އެންމެ މާތް މައްސަރުކަމަށްވާ ބަރަކާތްތެރި ރަމަޟާން މަހަށް މުޅި އިސްލާމީ އުއްމަތް މަރުހަބާ ކިޔަމުން އެބަދެއެވެ.

6 މެއި ވާ ހޯމަ ދުވަހަކީ ދިވެހިރާއްޖޭގެ އިތުރުން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅެމުންދާ ހުރިހާ އިސްލާމުންހެން، 1440 ވަނަ އަހަރުގެ ރަމަޟާން މަހުގެ 1 ވަނަ ދުވަހުގެ ގޮތުގައި ފާހަގަކުރާ ދުވަހެވެ.

ރަމަޟާން މަހަށް ހާއްސަކޮށްގެން ފަލަސްޠީނުގެ ބާޒާރެއްގައި ވިއްކަން ހުރި ބޮކިތަކެއް ގަތުމަށް މުސްލިމު އާއިލާއަކުން ހަރަކާތްތެރިވަނީ/ފޮޓޯ: އޭއެފްޕީ

މިއަހަރުގެ ރަމަޟާން މަހާ އިސްލާމީ އުއްމަތް ކުރިމަތިލާފައި މިވަނީ ނިއުޒީލަންޑްގެ ދެ މިސްކިތަކަށް އަމާޒުކޮށްދިން ޓެރަރިސްޓް ހަމަލާގެ އިތުރުން، ސްރީލަންކާއަށް އަމާޒުކޮށް ދިން ޓެރަރިސްޓް ހަމަލާގެ ސަބަބުން ބޮޑު ނުތަނަވަސްކަމެއް ކުރިމަތިވެފައިވާ ދަނޑިވަޅެއްގައެވެ.

އެކި ދީންތަކުގެ މީހުން ދިރިއުޅެމުންދާ ގައުމުތަކުގައި ރަމަޟާން މަހުގެ އަޅުކަންތަކާ ދިމާކޮށް ސަލާމަތީ ފިޔަވަޅުތައްވެސް ވަނީ ވަރުގަދަކޮށްފައެވެ.

ރަމަޟާން މަހަށް ވަގުތު ކުޑަތަންވެގެން އައިއިރު އެކި ގައުމުތަކުންވަނީ ރަމަޟާން މަހަށް ތައްޔާރުވުމުގެ ގޮތުން ގިނަ މަސައްކަތްތަކެއްކޮށްފައެވެ. އެގޮތުން އެންމެ އާންމުކޮށް ކުރާތީ ފާހަގަވި އެއްކަމަކީ މިސްކިތްތައް ޒީނަތްތެރިކޮށް، ވީހާވެސް ގިނަ މީހުންނަށް ފަސޭހަކަމާއެކު އަޅުކަން އަދާކުރެވޭނެ އިންތިޒާމުތައް ހަމަޖެއްސުމެވެ.

ރަމަޟާން މަހަށް ހާއްސަކޮށްގެން ޕާކިސްތާނުގެ މިސްކިތަކުން ޞަދާޤާތުގެ ގޮތުގައި ބަހާ ކާބޯތަކެތި ލިބިގަތުމަށް އާންމުންގެ ގިނަ ބަޔަކު މިސްކިތް ސަރަހައްދަށް ޖަމާވެފައި/ފޮޓޯ: އޭޕީ

މީގެ އިތުރުން ހާލުގައިޖެހިފައިވާ ފަރާތްތަކާ، ދަތިހާލުގައި ޖެހިފައިވާ މީހުންނަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން ދުނިޔޭގެ އެކި ހިސާބުތަކުގައި ވަނީ ހަރަކާތްތަކެއް ހިންގާފައެވެ. އެގޮތުން ހެޔޮ އެދޭ ފަރާތްތަކުން ފޯރުކޮށްދީފައިވާ ތަކެތި، ދަތިހާލުގައި އުޅެމުންދާ މުސްލިމުންނަށް ފޯރުކޮށްދިނުމުގެ ޕްރޮގްރާމްތަކެއް ދުނިޔޭގެ އެކި ހިސާބުތަކުގައި ކުރިއަށް ގެންދިޔަކަން ފާހަގަކުރަންޖެހެއެވެ. އެހީގެ ތަކެތި ފޯރުކޮށްދޭ ފަރާތްތަކުގެ ތެރޭގައި އާބާދީތަކުން ހިންގާ މިސްކިތްތައް ފާހަގަކޮށްލެވެއެވެ.

އިސްލާމީ އާބާދީ އެންމެ ބޮޑު ގައުމުތަކަށް ބަލާއިރު މިއަހަރުގެ ރަމަޟާން މަހުގެ އަޅުކަން އެންމެ ފުރަތަމަ ފަށާނީ އިންޑޮނޭޝިއާއިންނެވެ.