ހަމާސް ޖަމާއަތުން ކޮންޓްރޯލް ކުރަމުންދާ ޣައްޒާއަށް އަމާޒުކޮށް ވަރުގަދަ ހަމަލާތަކެއް ދިނުމަށް އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމީން ނަތަންޔާހޫ އަމުރުކުރައްވައިފިއެވެ.

ކޮންމެ އަހަރަކުވެސް ބަރަކާތްތެރި ރަމަޟާން މަހާ ދިމާކޮށް އިސްރާއީލުން ޣައްޒާއަށް ދޭ ހަމަލާތައް ވަރުގަދަކުރަމުންދާއިރު 1440 ވަނަ އަހަރުގެ ރަމަޟާން މަހާވެސް ޣައްޒާގެ ރައްޔިތުން ބައްދަލުކޮށްފައި މިވަނީ ނުރައްކާތެރި ހަމަލާތަކެއްގެ ތެރެއިންނެވެ.

ފާއިތުވީ 48 ގަޑިއިރަށް ބަލާއިރު އިސްރާއީލާ ޣައްޒާއާއި ދެމެދު ބޮޑެތި ހަމަނުޖެހުންތަކެއް ހިންގާފައިވާއިރު، ފަލަސްޠީނުގެ 9 މީހަކު ވަނީ ޝަހީދުވެފައެވެ. އިސްރާއީލާ ވީ ފަޅިން 3 މީހެއްގެ ފުރާނަ ގެއްލިފައިވާކަމަށް މައުލޫމާތު ލިބެއެވެ.

އިސްރާއީލުުގެ ހަމަލާތަކުގައި ސުންނާފަތި ވެފައިވާ އިމާރާތެއްގެ ގާ ކުނޑިތަކުގެ ތެރޭގައި ޣައްޒާގެ ޒުވާނަކު އިށީނދެލައިގެން/ފޮޓޯ: ރޮއިޓާޒް

އެއްގަމާ ވައިގެ މަގުން އިސްރާއީލުން ޣައްޒާއަށް ހަމަލާދީފައިވާއިރު، މިއަދު ކަނޑު މަގުންވެސް ހަމަލާ ދީފައިވާކަމަށް ޚަބަރު ލިބެއެވެ.

ހަމާސްގެ އަސްކަރީ ގޮފިންވެސް ވަނީ އިސްރާއީލާ ދެކޮޅަށް ދޭ ހަމަލާތައް ވަރުގަދަ ކުރާނެ ކަމުގެ އިންޒާރު ދީފައެވެ.

ކަންމިހެން އޮތްއިރު ތުރުކީވިލާތުން ޣައްޒާގައި ހިންގާ އަނަދޫލޫ ނިއުސް އޭޖެންސީގެ އިދާރާއަށްވެސް ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފައެވެ. ތުރުކީވިލާތުން ވަނީ ޣައްޒާގެ މަސްރަހަށް ހަމަޖެހުން ގެނައުމަށް މަސައްކަތްތަކެއް ކުރުމަށް ބައިނަލްއަގުވާމީ މުޖުތަމައަށް ގޮވާލާފައެވެ.

މެދުއިރުމަތީގެ ސުލްހައާއި ބެހޭ އދގެ މަންދޫބު ނިކޮލޭއީ މްލަޑަނޯފް ވަނީ އިސްރާއީލާ ޣައްޒާއާއި ދެމެދު ބަދަލުކުރަމުންދާ ހަމަލާތައް މިހާރުން މިހާރަށް ހުއްޓާލުމަށް ގޮވާލައްވާފައެވެ.