ދިވެހިރާއްޖޭގައި ޑިޖިޓަލް ހިދުމަތް އެންމެ ފުޅާކޮށް ފޯރުކޮށްދޭ ކުންފުނި ކަމަށްވާ ދިރާގުން ރޯދަމަހަށް ހާއްސަ ޕްރޮމޯޝަންތަކަކާއި 2 ޑޭޓާ ޕެކެއް އެ ކުންފުނިން ތައާރަފް ކޮށްފިއެވެ.

މި ޑޭޓާ ޕެކްތަކަކީ ދިރާގު މޯބައިލް ޕޯސްޓްޕެއިޑް އަދި ޕްރީޕެއިޑް ކަސްޓަމަރުންނަށް ހާއްސަކޮށް ތައާރަފްކުރި ޑޭޓާ ޕެކްތަކެކެވެ. ދިރާގުން ބުނީ، މި ޕެކޭޖްތަކުގެ ތެރޭގައި 200 ރުފިޔާ އަށް 2.5 ޖީބީ ޕެކާއި އަދި 300 ރުފިޔާ އަށް ފަސް ޖީބީ ލިބޭ ޕެކެއް ހިމެނޭ ކަމަށެވެ.

ރޯދަ މަހަށް ހާއްސަކޮށް ދިރާގުން ތައާރަފްކުރި ޑޭޓާ ބަންޑަލްތަކުގައި އެންމެ މަގުބޫލް ސޯޝަލް މީޑިއާ އެޕްތައް ބޭނުންކުރުން އެއް ޖީބީ ހިމަނާފައިވާ ކަމަށް ދިރާގުން ބުނެއެވެ. މި ޕެކްގައި ހިމެނޭ ސޯޝަލް މީޑިއާ އެޕްތަކަކީ ފޭސްބުކް، ވަޓްސްއެޕް ، ވައިބާ، އިންސްޓަގްރާމް އަދި ސްނެޕްޗެޓެވެ. 30 ދުވަހުގެ މުއްދަތަށް ނެގޭ މި ޑޭޓާ ބަންޑްލް އެކްޓިވޭޓް ކުރެއްވުމަށް #8*123* ޖަހާ ގުލާލުމުން ލިބޭނެކަމަށް ދިރާގުން ބުނެއެވެ.

މީގެ އިތުރުން ކަސްޓަމަރުން ޑޭޓާ ނެގުމަށް ކުރާ ހަރަދުގެ 10 ޕަސެންޓް ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ޚާއްސަކޮށްގެން ހިންޖާ ހިލޭ ސާބަހަށް މަސައްކަތްކުރާ ޖަމިއްޔާ، އެމް.އޭ.ޕީ.ޑީ އަށް ހަދިޔާ ކުރެވިގެންދާނެ ކަމަށްވެސް ދިރާގުން ބުނެއެވެ.

މި ރޯދަމަހު ހުރިހާ ފައިބާ ބްރޯޑްބޭންޑް ބޫސްޓާތަކުން 25 ޕަސެންޓް ޑިސްކައުންޓް ލިބޭނެ ކަމަށްވެސް ދިރާގުން ބުނެއެވެ.

މި އަހަރު ވެސް އަޅުކަން އަދާކުރަން ފަސޭހަ ކޮށްދިނުމަށް ވެސް ދިރާގުން ހިދުމަތްތަކެއް ފޯރުކޮށްދީފައި ވެއެވެ. އެގޮތުން، ޕްރިޕެއިޑް މުދުވެރިކޮށް އެސްއެމްއެސް އެއް ކޮށްގެން ހިލޭ ޒަކާތް ދެއްކޭނެ ކަމަށް ދިރާގުން ބުނެއެވެ. މި ހިދުމަތް ހޯދުމަށް ގުޅަން ޖެހެނީ *123*8# އަށެވެ.

މީގެ އިތުރުން، ކޮންމެ ނަމާދު ވަގުތެއްގެ 15 މިނިޓު ކުރިން އެސްއެމްއެސްއަކުން ނަމާދު ވަގުތު އަންގައިދޭ ހިދުމަތެއް ވެސް ދިރާގުން ވަނީ ރައާރަފްކޮށްފައެވެ. މި ހިދުމަތް ލިބޭނީ *123*8# އަށް ގުޅާ ސަބްސްކްރައިބް ކުރުމުންނެވެ.