1. ރޯދައަކީ ކޮބަތޯ؟
ރޯދަ އަކީ ފަޖްރުލީއްސުރެ އިރު އޮއްސުމާއި ދެމެދު ރޯދަ ގެއްލިދާނެފަދަ އެންމެހައި ކަންތައް ތަކުން ދުރުހެލިވެގެން ހުރުމެވެ.
2. ރޯދަ ފަރުޟުކުރެއްވުމުގެ ޙިކުމަތަކީ ކޮބައިތޯ؟
ރޯދަ ފަރްޟު ކުރެއްވި އާޔަތުގައި އެކަމުގެ ޙިކްމަތް ބަޔާން ކުރައްވާ އަންގަވާފައި ވެއެވެ. (لعلكم تتقون) "ތިޔަބައިމީހުން ތަގްވާވެރި ވުމަށެވެ.
3. ރަމަޟާން މަހު ރޯދަ ހިފުން ވާޖިބުވަނީ ކޮން ބަޔަކަށްތޯ؟
ރޯދަ ހިފުން ވާޖިބު ވެގެންވަނީ އެމީހެއްގެ ކިބައިގާ އަންނަވި ޝަރްޠުތައް ހަމަވާ މީހުންނަށެވެ.
• މުސްލިމަކު ކަމުގައިވުން.
• މުކައްލަފަކު ކަމުގައި ވުން.
• ރޯދަ ހިފުމުގެ ކުޅަދާނަކަން ހުރުން.
• ރަށުގައި ގާއިމްވެ ހުރި މީހަކަށް ވުން.
• ރޯދަ ހިފުން މަނާކުރުވަނިވި އެންމެހައި ކަންތަކުން ސަލާމަތްވެފައިވާ މީހަކަށް ވުން.
4. ކުޑަކުދިން ރޯދައަށް ބައިތިއްބަން އެންމެ ރަނގަޅު ޢުމުރަކީ ކޮބައިތޯ؟ އަދި ރޯދަމަހު ކުޑަކުދިން، ހުސްވަގުތު ހޭދަކުރަން އެންމެ ރަނގަޅު ގޮތަކީ ކޮބައިތޯ؟
ފުރަތަމަ ކަމަކަށް: ކުޑަކުދިން ބާލިޣް ނުވަނީސް ރޯދަ ހިފުން ވާޖިބެއް ނުވާނެއެވެ. ރަސޫލުﷲ-ޞައްލަﷲ ޢަލައިހި ވަސައްލަމަ- ޙަދީޘް ކުރައްވާފައިވެއެވެ. (رُفِعَ الْقَلَمُ عَنْ ثَلاثَةٍ : عَنْ الْمَجْنُونِ الْمَغْلُوبِ عَلَى عَقْلِهِ حَتَّى يفِيقَ ، وَعَنْ النَّائِمِ حَتَّى يَسْتَيْقِظَ ، وَعَنْ الصَّبِيِّ حَتَّى يَحْتَلِمَ) މާނައަކީ: "ތިން މީހެއްގެ މަތިން ގަލަން ވަނީ އުފުއްލިގެންނެވެ. ބުއްދިފިލައި ގޮސްފައިވާ މީހާ އޭނާގެ ބުއްދި ހަމަޖެހުމާއި ހަމައަށް، ނިދިފައިވާ މީހާ ހޭލެވުމާއި ހަމައަށް، އަދި ކުޑަކުއްޖާ އިޙްތިލާމްވުމާއި ހަމައަށެވެ".
އެހެންނަމަވެސް، ކުޑަކުދިން ރޯދަ ހިފުމަށް ޢާދަ ކުރުވުމުގެ ގޮތުން ރޯދައަށް ބައިތިއްބަން ވާނެއެވެ. އަދި ކުޑައިރު ކުރާ ހެޔޮ ޢަމަލުތަކަކީވެސް ފޮތުގައި ލިޔުއްވޭނެ ޢަމަލުތަކެއްވެސްމެއެވެ. މިގޮތުން ރޯދައަށް ބައިތިއްބަން ފަށާނެ ޢުމުރަކީ އެކަމަށް އެކުދިން ކުޅަދާނަ ވީއްސުރެންނެވެ. އެހެންކަމުން، އެކި ކުދިންގެ ހެދި ބޮޑުވުމުގެ ކަންތައް ހުންނަ ގޮތުން ޢުމުރު ތަފާތު ވުމަކީ އެކަށީގެންވާ ކަމެކެވެ. ބައެއް ޢިލްމުވެރިން އެއީ ކުއްޖާގެ ޢުމުރުން ދިހަ އަހަރު ކަމުގައިވެސް ވިދާޅުވެފައިވެއެވެ.
އިމާމް ޚަރްގީ-ރަޙިމަހުﷲ- ވިދާޅުވެފައިވެއެވެ. "ކުއްޖާގެ ޢުމުރުން ދިހަ އަހަރު ފުރުމުން ރޯދަ ހިފުމަށް އަމުރު ކުރަން ވާނެއެވެ".
އިމާމް އިބްނު ގުދާމާ-ރަޙިމަހުﷲ- ވިދާޅުވިއެވެ. މާނައަކީ: ދިހަ އަހަރުފުރުމުން ކުއްޖާ އަށް ނަމާދު ކުރުމަށް އަމުރު ކުރާފަދައިން ރޯދަ ހިފަން އަމުރު ކުރަން ވާނެއެވެ. ރޯދަ ހިފުމަށް ތަމްރީނު ދިނުމުގެ ގޮތުންނެވެ. އަދި އެކަމަށް ޢާދަ ކުރުވުމުގެ ގޮތުންނެވެ.
ދުޢާ އަކީ އަޅުގަޑުމެންގެ ދަރިންނަށް އިސްލާމީ ތަރްބިއްޔަތު ދިނުމުގެ އެހީތެރިކަން ﷲ ސުބްޙާނަހޫ ވަތަޢާލާ އަޅުގަޑުމެން އެންމެންނަށް ދެއްވުމެވެ. އާމީން. والله أعلم
9. ޝަޢުބާން މަސް ދެބައިވުމަށްފަހު ރޯދަ ހިފުމަކީ ކޮންކަަހަލަ ކަމެއްތޯ؟
روى أبو داود (3237) والترمذي (738) وابن ماجه (1651) عَنْ أَبِي هُرَيْرَةَ رضي الله عنه أَنَّ رَسُولَ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ قَالَ : ( إِذَا انْتَصَفَ شَعْبَانُ فَلا تَصُومُوا ) . صححه الألباني في صحيح الترمذي
އަބޫދާވޫދާއި ތިރްމިޛީ އަދި އިބްނުމާޖާ ރިވާ ކުރެއްވި ޙަދީޘެއްގައިވެއެވެ. މާތް ﷲ ރުއްސުންލެއްވި އަބޫހުރައިރާ ރިވާ ކުރައްވާފައިވެއެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރައްވާފައިވެއެވެ. "ޝަޢްބާން މަސް ދެބައިވުމުން ތިޔަބައިމީހުން ރޯދަ ނުހިފާ ހުށިކަމެވެ". މި ޙަދީޘް އަކީ ޝައިޚް އަލްބާނީ ޞައްޙަ ކަމަށް ވިދާޅުވެފައިވާ ޙަދީޘެކެވެ.
މިޙަދީޘުން ދޭހަވަނީ ޝަޢްބާން މަސް ދެބައިވުމުން ރޯދަހިފުން މަނާވެއްޖެ ކަމެވެ. މާނައަކީ ޝަޢްބާން މަހުގެ 16 ވަނަ ދުވަހުން ފެށިގެން ރޯދަ ހިފުން މަނާ ވުމެވެ.
ނަމަވެސް ބައެއް އެހެން ރިވާޔަތް ތަކުގައި ޝަޢްބާން މަހުގެ ފަހުބައިގާ ރޯދަ ހިފުން ހުއްދަވާނެ ކަން ދޭހަވާގޮތަށް އައިސްފައިވެއެވެ. އޭގެ ތެރޭގައި:
ما رواه البخاري (1914) ومسلم (1082) عَنْ أَبِي هُرَيْرَةَ رَضِيَ اللَّهُ عَنْهُ قَالَ : قَالَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ : ( لا تَقَدَّمُوا رَمَضَانَ بِصَوْمِ يَوْمٍ وَلا يَوْمَيْنِ إِلا رَجُلٌ كَانَ يَصُومُ صَوْمًا فَلْيَصُمْهُ) ބުޚާރީ އާއި މުސްލިމް ރިވާ ކުރައްވާފައިވެއެވެ. މާތް ﷲ ރުއްސުންލެއްވި އަބޫ ހުރައިރާ ރަޟިޔަﷲ ޢަންހު- ރިވާ ކުރެއްވިއެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރެއްވިއެވެ. "ކުރިން ރޯދަ ހިފަމުން އައި މީހަކު ފިޔަވާ އެހެން މީހުން ރަމަޟާން މަހުގެ ކުރިން އެއްދުވަސް ނުވަތަ ދެދުވަހު ރޯދަ ނުހިފާ ހުށި ކަމެވެ".
މި ޙަދީޘް އިން ދޭހަވަނީ ޢާއްމު ކޮށް ރޯދަ ހިފަމުން އަންނަ މީހަކު ޝަޢްބާން މަހުގެ ފަހުބައިގާ ރޯދަ ހިފުމަކީ ހުއްދަ ކަމެއް ކަމެވެ. މިޘާލަކަށް ކޮންމެ ހޯމަ ބުރާސްފަތި ދެދުވަހު ރޯދަ ހިފާ މީހަކު، ނުވަތަ ދެދުވަހުން އެއްދުވަހު ރޯދަ ހިފާ މީހަކު ޝަޢްބާން މަހުގެ ފަހުބައިގާ ރޯދަ ހިފިޔަސްވެސް އެންމެ ރަގަޅެވެ".
وروى البخاري (1970) مسلم (1156) عن عَائِشَةَ رَضِيَ اللَّهُ عَنْهَا قالت : ( كَانَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ يَصُومُ شَعْبَانَ كُلَّهُ ، يَصُومُ شَعْبَانَ إِلا قَلِيلا ) .
ބުޚާރީ އާއި މުސްލިމް ރިވާ ކުރެއްވި ޙަދީޘެއްގައިވެއެވެ. މާތް ﷲ ރުއްސުންލެއްވި ޢާއިޝާގެ ކިބައިން ރިވާވެގެންވެއެވެ. "ޝަޢްބާން މަހު އެއްކޮށް ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ރޯދަ ހިއްޕެވިއެވެ. ޝަޢްބާން މަހުގެ މަދު ދުވަހެއް ފިޔަވާ އެހެން ހުރިހާ ދުވަހަކު ރޯދަ ހިއްޕެވިއެވެ".
މި ޙަދީޘުން ދޭހަވަނީ ޝަޢްބާން މަސް ފެށިގެން ރޯދަ ހިފަމުން އަންނަ މީހަކު ޝަޢްބާން މަހުގެ ފަހުބައިގާ ރޯދަ ހިފިޔަސްވެސް އެންމެ ރަގަޅު ކަމެވެ.
އިސްވެދިޔަ ޙަދީޘް ތަކުގެ އަލީގައި އިމާމް ޝާފިޢީ- ރަޙިމަހުﷲ- ވިދާޅުވެފައިވެއެވެ. "ޢާދަ ވެގެން ރޯދަ ހިފާމީހަކު ފިޔަވާ އަދި ޝަޢްބާން މަސް ފެށިގެން ރޯދަ ހިފަމުން އަންނަ މީހަކު ފިޔަވާ ޝަޢްބާން މަސް ދެބައިވުމުން ރޯދަ ހިފުން ހުއްދަވެގެން ނުވެއެވެ". والله أعلم