ހަތިޔާރާއި ގޮވާ ތަކެތި ބޭނުން ކޮށްގެން ބާއްވާ ސިފައިންގެ ތަމްރީނުތައް މާލެ، ވިލިމާލެ އަދި ހުޅުމާލޭގައި ފެށިގެން ކުރިއަށް އެބަދެއެވެ.

މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އާއި މޯލްޑިވްސް ޕޮލިސް ސާވިސަސް ގުޅިގެން ބާއްވާ ތަމްރީނުތައް މިއަދު ހެނދުނު މާލޭގެ ކާނިވަލް ސްޓޭޖް ސަރަހައްދުން ފެށިގެން މިހާރު ދަނީ ހުޅުމާލެ، އެމްއެންޑީއެފް ހެޑް ކުއާޓާސް ސަރަހައްދުގައި ކުރިއަށް ދަމުންނެވެ. މީގެ އިތުރުން 13:15 އިން ފެށިގެން 13:40 އާ ހަމައަށް މި ތަމްރީނުތައް، މާލެ އިންޑަސްޓްރިއަލް ވިލެޖުގައި ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.

މި ތަމްރީނުތައް ބާއްވާނެ ކަމަށް މީގެ ކުރިން ޑިފެންސް މިނިސްޓްރީން ބުނެފައިވާ އިރު މިއަދު ހެނދުނު އަށަކުން ފެށިގެން މި ތަމްރީނުތައް ކުރިއަށް ދާނީ ހަވީރު ފަހަކަާއި ހަމަ އަށެވެ. މި ތަމްރީނު ތަކުގައި ސިފައިން ހަތިޔާރާއި އެކު ހަރަކާތްތެރިވެ، ސިމިއުލޭޝަންގެ ގޮތުގައި ސިފައިން ބޭނުންކުރާ ހަތިޔާރާއި ގޮވާތަކެތި ބޭނުންކުރާނެ ކަމަށެވެ.

މި ތަމްރީނު ތަކުގައި ސިފައިން ހަތިޔާރާއި ގޮވާތަކެތި ބޭނުންކުރުމަކީ އެއްވެސް ރައްޔިތަކު ބިރު ގަންނަން ޖެހޭ ކަމެއް ނޫނެވެ. އަވައްޓެރި ސްރީ ލަންކާއަށް މިދިޔަ މަހު 21 ގައި ދިން ބޮމުގެ ހަމަލާތަކަށް ފަހު، ރާއްޖޭގެ ސަލާމަތީ ކަންކަން ދަނީ އިތުރަށް ވަރުގަދަ ކުރަމުންނެވެ.