ޓެރަރިޒަމް އާ ގުޅޭ މައުލޫމާތު ހިއްސާ ކުރުމަށް 1615 އަށް ގުޅުމަށް ނޭޝަނަލް ކައުންޓާ ޓެރަރިޒަމް ސެންޓަރު (އެންސީޓީސީ) އިން އިލްތިމާސް ކޮށްފިއެވެ.

އެންސީޓީސީން ބުނީ އެ ސެންޓަރުން ޓެރަރިޒަމް އާ ދެކޮޅަށް ކުރާ މަސައްކަތުގައި އެންމެހާ ރައްޔިތުންގެ އެއްބާރުލުން ބޭނުންވާ ކަމަށެވެ. އަދި ޓެރަރިޒަމާއި ގުޅޭ އެއްވެސް މައުލޫމާތެއް ނުވަތަ އާދަޔާ ހިލާފު ކަމެއް ފެނިއްޖެނަމަ އެ ސެންޓަރުގެ ހޮޓްލައިން (1615) އަށް ނުވަތަ އީމެއިލް ([email protected]) މެދުވެރިކޮށް ހިއްސާ ކޮށްދިނުމަށް އެ ސެންޓަރުން އެދިފައިވެއެވެ. މީގެ އިތުރުން އެންސީޓީސީން ބުނީ މިފަދަ މައުލޫމާތު ދޭ ފަރާތްތައް ސިއްރު ކުރާނެ ކަމަށެވެ.

އެންސީޓީސީން މިހެން ބުނެފައިވަނީ މިދިޔަ މަހު 21 ވަނަ ދުވަހު އަވައްޓެރި ސްރީލަންކާއަށް ދިން ބޮމުގެ ހަމަލާތަކާއި ގުޅިގެން ރާއްޖޭގެ ރައްޔިތުންގެ ހިތްތަކުގައި އުފެދިފައިވާ ބިރުވެރިކަމުގެ ސަބަބުން ކަމަށް ބެލެވެއެވެ. ލަންކާގެ ހަމަލާ އާ ގުޅިގެން ރާއްޖެއަށް އެއްވެސް ނުރައްކަލެއް ނެތް ކަމަށް ރަސްމީކޮށް އަންގާފައިވީ ނަމަވެސް، ބައެއް ރައްޔިތުން ދަނީ މިކަމާއި ގުޅިގެން ސޯޝަލް މީޑިއާގައި އެކި ކަހަލަ ހިޔާލު ފާޅުކޮށް ސުވާލު އުފައްދަމުންނެވެ.

މީގެ އިތުރުން، ދިވެހިރާއްޖޭގެ ސަލާމަތާ، ސުލްހައާއި ކުރިއެރުން ގުޅިފައިވަނީ ސަރަހައްދީ ސުލްހައިގެ މައްޗަށްކަން ގަބޫލުނުކުރާ މީހުން އަދިވެސް އެބަތިބި ކަމަށް ދިފާއީ ވަޒީރު މާރިޔާ އަހުމަދު ދީދީ ވިދާޅުވެފައި ވާއިރު އެމެރިކާގެ ރައްޔިތުން ދިވެހިރާއްޖެއަށް ދަތުރުކުރުމުގައި ސަމާލުވުމަށް ގޮވާލައި، ކެޓަގަރީ 2 ގައި ދިވެހިރާއްޖެ ގިންތި ކޮށް އެމެރިކާއިން ޓްރެވެލް އެޑްވައިޒަރީ އެއް ނެރެފައިވެއެވެ.

ލަންކާ އަށް ދިން ބޮމުގެ ހަމަލާތަކާއި ގުޅިގެން ރާއްޖޭގެ ސަލާމަތީ ކަންކަން ވެސް ވަނީ ވަރުގަދަ ކޮށްފައެވެ.