ދިވެހި ނޫސްވެރިންނަކީ ކެތްތެރި ބައެއް ކަމަށް ނައިބު ރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ.

ނައިބު ރައީސް މިހެން ވިދާޅުވީ ދުނިޔޭގެ ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަހުގެ ތަހުނިޔާ އެންމެހާ ނޫސްވެރިންނަށް އަރިސްކުރެއްވުމަށް ޓްވިޓާގައި ކުރެއްވި ޓްވީޓެއްގައެވެ. ނޫސްވެރިންނަށް ހިތްވަރާއި ސާބަސް ދަންނަވަމުން ނައިބު ރައީސް ވަނީ ތެދުވެރިކަމާ އެކު މައުލޫމާތު ފޯރުކޮށްދިނުމަށް ނޫސްވެރިންނަށް ގޮވާލައްވާފައެވެ.

މިއަދު ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަސް ފާހަގަ ކުރަމުން ދާއިރު، ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވެސް ވަނީ ދުވަހާއި ގުޅިގެން ހިތާބެއް ފޮނުއްވާފައެވެ. އެގޮތުން ރައީސް ވިދާޅުވީ، ފާޅުކުރާ ހިޔާލެއްގެ ސަބަބުން، މިސަރުކާރުން ނޫސްވެރިޔާ ހިފާ ހައްޔަރު ނުކުރާނެ ކަމަށާއި ނޫސް ވެރިންގެ ކަރަށް ބާރު ކުރުމަށް މިސަރުކާރުން ގާނޫނުތައް ނުހަދާނެކަމަށެވެ.

މީގެ އިތުރުން ރައީސް ވިދާޅުވީ، ހިޔާލު ފާޅުކުރުމާއި މައުލޫމާތު ފެތުރުމަކީ ހައްގަކަށްވާ ފަދައިން، އެ ހައްގާއި ގުޅިފައިވާ ޒިންމާތަކަކާއި މަސްއޫލިއްޔަތުތަކެއް ވެސް ހުރިކަން ހަނދާން ކުރަން ޖެހޭނެ ކަމަށެވެ. އަދި އެއީ ބިނާކުރަނިވި ގޮތެއްގައި ފާޑު ކިޔުމާއި، ތެދު މައުލޫމާތު ފެތުރުން ކަމަށާއި، އެ ޒިންމާއަށް އިހުމާލުވެއްޖެ ނަމަ، މުޖްތަމައުގައި ފިތުނަ ފަސާދަ އުފެދި، ޑިމޮކްރެސީއަށް ހީނަރުކަން އަތުވެދާނެކަން އެމަނިކުފާނު ފާހަގަ ކުރެއްވެވިއެވެ.

ރައީސްގެ ހިތާބުގައި އެމަނިކުފާނު ވަނީ މި ސަރުކާރުން ނޫސްވެރިކަމުގެ މިނިވަންކަމަށް ކުރާ މަސައްކަތުގެ އެންމެ މުހިންމު އެއް ބަޔަކީ، ވީނުވީއެއް ނޭނގި ގެއްލުވާލާފައިވާ، މިނިވަން ނޫހުގެ ނޫސްވެރިޔާ އަހްމަދު ރިޟްވާނާއި، ވަރަށް އިހާނެތި ގޮތަކަށް މަރާލާފައިވާ، އިންޓަނެޓް ބްލޮގާ ޔާމީން ރަޝީދުގެ ޢާއިލާއަށް އިންސާފު ހޯދައިދިނުން ކަން ފާހަގަ ކުރައްވާފައެވެ. އަދި މިކަމަށް މި ސަރުކާރުން ފަށާފައިވާ މަސައްކަތް ހުއްޓުމެއް ނެތި، ކުރިއަށް ދާނެކަމަށާއި، އެ ދެ ޒުވާނުންގެ މަސައްކަތް ރަމްޒުކޮށްދެނީ، ހިޔާލު ފާޅުކުރުމުގެ މިނިވަންކަމުގެ މުހިންމުކަން ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.