ޖުޑީޝަލް ރިފޯމްގެ ފަސްއަހަރު ދުވަހުގެ ޕްލޭނަކީ ދިވެހިރާއްޖޭގެ ޝަރުއީ ދާއިރާގެ ތަރައްގީކޮށް، ކަންކަން އިސްލާހުކޮށް ހަރުދަނާ ކުރުމަށާއި، ގާނޫނުގެ ހުކުމް ނަގަހައްޓާ ވަކި ފަރާތަކަށް ނުޖެހި އަދުލު އިންސާފު ގާއިމު ކުރުމަށްޓަކައި ފަނޑިޔާރުގޭގެ މިނިވަންކަން ކަށަވަރުކުރުމާ ބެހޭގޮތުން ތައްޔާރު ކުރެވުނު ޕްލޭނެއް ކަމަށް އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ ވިދާޅުވެއްޖެއެވެ.

"ފަނޑިޔާރުގޭގެ މިނިވަންކަން ކަށަވަރުކޮށް، ފަނޑިޔާރުގެ އިސްލާހުކުރުމުގެ މަގުޗާޓު 2019-2023" މިރޭ އިފްތިތާހުކޮށްދެއްވާ ވާހަކަ ދައްކަވަމުން އުއްތަމަ ފަނޑިޔާރު ވިދާޅުވީ މިރޭ އިފްތިތާހު ކުރެވުނު މަގުޗާޓާއި، ކޮންފަރެންސްގެ ރިކަމަންޑޭޝަންސްތައް ލުއި ފޮތެއްގެ ސިފައިގައި އާންމުކުރެވިގެންދާނެ ކަމަށާއި، އެއަށްފަހު އޮންނާނެ އެންމެ ބޮޑު މަސައްކަތަކީ ޖުޑިޝަލް ރިފޯމްގެ ފަސްއަހަރު ދުވަހުގެ ޕްލޭން ހެދުމުގެ މަސައްކަތް ކަމަށެވެ.

އަދި އެކަމަށް ބޭއްވުނު ކޮންފަރެންސްގެ ފަންނީ ކޮމިޓީއާއި ރާއްޖެއިން ބޭރުގެ ކޮންސަލްޓެންޓުގެ އެހީއާއެކު މަސައްކަތް ކޮށް ކުރިއަށް އޮތް ދެ މަހެއްހާ ދުވަހުގެ ތެރޭގައި މަސައްކަތް ނިންމާލެވޭނެ ކަމަށާއި، ދައުލަތުގެ ކަމާބެހޭ ފަރާތްތަކާއެކު ކުރެވޭ މަޝްވަރާގެ ތެރެއިން ޕްލޭން އާންމުކޮށް ޝާއިއުކުރެވި އެ ޕްލޭންގެ ތަންފީޒުކުރުމުގެ މަސައްކަތް ފެށިގެންދާނެ ކަމަށެވެ.

"ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން، އަދުލު އިންސާފު ގާއިމްކުރުމުގެ އެންމެ މަތީފަރާތުގެ ހައިސިއްޔަތުން ތައްޔާރުކުރާ ޖުޑީޝަލް ރިފޯމްގެ ފަސްއަހަރު ދުވަހުގެ ޕްލޭނަކީ ދިވެހިރާއްޖޭގެ ޝަރުއީ ދާއިރާގެ ތަރައްގީއަށާއި، ކުރިއެރުވުމަށް އަމާޒުކޮށްގެން ފަނޑިޔާރުގޭގެ ކަންކަން އިސްލާހުކޮށް ހަރުދަނާ ކުރުމަށް އަދި ގާނޫނު އަސާސީއާއި އެއްގޮތްވާގޮތުގެ މަތިން ގާނޫނުގެ ހުކުމް ނަގަހައްޓާ ވަކި ފަރާތަކަށް ނުޖެހި އަދުލު އިންސާފު ގާއިމްކުރުމަށްޓަކައި ފަނޑިޔާރުގޭގެ މިނިވަންކަން ކަށަވަރުކުރުމާއި ބެހޭގޮތުން ޝަރުއީ ދާއިރާގެ ތާރީހުގައި ތައްޔާރުކުރެވޭ އެންމެ ފުރަތަމަ ޕްލޭން" އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ ވިދާޅުވިއެވެ.

އުއްތަމަ ފަނޑިޔާރު ވިދާޅުވީ މި ޕްލޭނަކީ ޒަމާނީ އަދި ހަރުދަނާ ފަނޑިޔާރުގެއެއް ގާއިމް ކުރުމަށްޓަކައި ސަމާލުކަން ދޭންޖެހޭ ހުރިހާ ކަމެއް ހިމެނޭގޮތަށް ޝާމިލް ގޮތެއްގައި އެކުލަވާލާފައިވާ ޕްލޭނެއް ކަމަށެވެ. އަދި މި ޕްލޭން ތަންފީޒުކުރެވިއްޖެނަމަ އޭގެ ހެޔޮ ނަތީޖާ ފެނި ޝަރުއީ ދާއިރާގެ މިނިވަންކަން ކަށަވަރު ކުރެެއްވޭނެކަމަށް އުއްތަމަ ފަނޑިޔާރު ވިދާޅުވިއެވެ.

އެކަން ކުރެވޭނީ އިހްލާސްތެރި މަސައްކަތުން ކަން ފާހަގަ ކުރައްވަމުން އުއްތަމަ ފަނޑިޔާރު ވިދާޅުވީ ކަރުދާހުގައި ލިޔެވިފައިހުރި އެއްޗެހީގައި އަމަލީ ކުލަ ޖެއްސޭނީ ގުޅިގެން ކުރާ ތެދުވެރި މަސައްކަތުން ކަމަށެވެ. އަދި އެ މަސައްކަތުގައި ދައުލަތުގެ އެންމެހާ ފަރާތްތަކުގެ އެހީތެރިކަމާއި އެއްބާރުލުން ބޭނުންވާކަން ފާހަގަކުރައްވަމުން އުއްތަމަ ފަނޑިޔާރު ވިދާޅުވީ ޖަސްޓިސް ސެކްޓާއަށް އެންމެހާ އިދާރާތަކާއި މުވައްސަސާތަކުގެ އެހީތެރިކަން ބޭނުންވާ ކަމަށެވެ. މީގެ އިތުުރުން ވަސީލަތްތަކާއި މާލީ އެހީތެރިކަމާއި، ގާނޫނީ ވަކީލުންގެ މައްޗަށް ހިމެނޭ ލީގަލް ޕްރޮފެޝަންގެ ހިޔާލާއި މަޝްވަރާއާއި ބައިވެރިވުން ކޮންމެހެން ވެސް ބޭނުންވާ ކަމަށެވެ.