އެވެންޖާޒް ސާގާގެ އެންމެ ފަހު ފިލްމް "އެވެންޖާޒް: އެންޑްގޭމް" އިން ބޮކްސް އޮފީހުގެ ތާރީހީ ރެކޯޑެއް މުގުރާލައިފިއެވެ.
ސިނަމާތަކުގައި މި ފިލްމު އަޅުވަން ފެށިތާ ހަފުތާއެއްވެސް އަދި ނުވާއިރު ފިލްމުގެ ޓިކެޓް ސޭލްސްގެ ގޮތުގައި މިހާތަނަށް 1.2 ބިލިއަން ޑޮލަރު ވަނީ ލިބިފައެވެ.
"އެވެންޖާޒް: އެންޑްގޭމް" އަކީ 1 ބިލިއަން ޑޮލަރުގެ މާކް އާއި ހަމައަށް އެންމެ ކުރުމުއްދަތެއްގެ ތެރޭގައި ދަތުރުކުރި ފުރަތަމަ ފިލްމަށް ވަނީ ވެފައެވެ.
"އެވެންޖާޒް: އެންޑްގޭމް"އަކީ މާވެލް ސްޓޫޑިއޯޒްގެ ސުޕާހިރޯ ފްރެންޗައިޒްގެ 22 ވަނަ ފިލްމެވެ.
އަޔަން މޭންގެ ރޯލުން ރޮބާޓް ޑައުނީ ޖޫނިއާގެ އެކްޓިންގް ފެނިގެންދާ "އެވެންޖާޒް: އެންޑްގޭމް" އިންވަނީ ހުޅަނގުގެ ގައުމުތަކުގެ އިތުރުން އޭޝިއާގެ ގައުމުތަކުންވެސް ބޮޑު މަގުބޫލުކަމެއް ހޯދާފައެވެ. އެގޮތުން ޗައިނާއިން އެކަނިވެސް މި ފިލްމު ވަނީ ޓިކެޓް ސޭލްސްގެގެ ގޮތުގައި 330.5 މިލިއަން ޑޮލަރު މިހާތަނަށް ހޯދާފައެވެ.
2008 ވަނަ އަހަރު "އަޔަން މޭން" އިން ފެށި އެވެންޖާޒް ފްރެންޗައިޒްގެ އެންމެ ފަހު ފިލްމު "އެވެންޖާޒް:އެންޑްގޭމް"އަށް ވަނީ ފިލްމަށް ފާޑުކިއާ ފަރާތްތަކުންވެސް ވަރަށް ބޮޑަށް ތައުރީފުކޮށްފައެވެ.
މި ފިލްމުގައި އެންމެ ހިތާމެވެރި ކަމަކަށް ދިމާވަނީ ފިލްމުގެ އެންމެ މުހިންމު އެއް ބަތަލް ސްޓާކް މަރުވުމެވެ.