ރޭ އަލަށް އިންތިހާބުވި ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ)ގެ ލީޑަޝިޕްގެ މެންބަރުންނާ ކުރީގެ ރައީސް އަދި ޕީޕީއެމް ގެ ރައީސް އަބްދުﷲ ޔާމީން ބައްދަލު ކުރައްވައިފިއެވެ. މި ބައްދަލު ކުރެއްވުން އޮތީ މިއަދު މެންދުރުފަހު ޕީޕީއެމްގެ އޮފީހުގައެވެ.

ޕީއެންސީއަކީ ރައީސް ޔާމީން ގެ މަޝްވަރާގެ މަތިން އުފައްދާފައިވާ އިދިކޮޅު ސިޔާސީ ޕާޓީއެކެވެ.

އިއްޔެ ބިލަބޮންގް ސުކޫލުގައި ކުރިއަށްދިޔަ ޕީއެންސީގެ ފުރަތަމަ ކޮންގްރެސްގައި ޕީއެންސީގެ ފުރަތަމަ ރައީސް ކަމަށް ވޯޓުލުމަކާ ނުލާ ހޮވިވަޑައިގެންފައިވަނީ، އެ ޕާޓީގެ ރައީސް ކަމުގެ މަގާމާ ކުރިން ވަގުތީ ގޮތުން ހަވާލުވެ ހުންނެވި ފޮނަދޫ ދާއިރާގެ މެންބަރު އަބްދުއްރަހީމް އަބްދުﷲ އެވެ. އެ މަގާމަށް އިތުރު ބޭފުޅަކު ކުރިމަތި ލައްވާފައެއް ނުވެއެވެ.

އެ ޕާޓީގެ ފުރަތަމަ ނައިބު ރައީސުންނަށް އިއްޔެ އިންތިހާބުވެފައިވަނީ މުހައްމަދު ހުސައިން ޝަރީފް، އިބްރާހިމް ޝުޖާއު، މުހައްމަދު ސައީދު ގެ އިތުރުން އަހްމަދު ނިހާންއެވެ. ޕީއެންސީގެ ޕާލިމެންޓަރީ ގްރޫޕުގެ ލީޑަރު ވެސް ޕީއެންސީ ކޮންގްރެސްގެ ހާއްސަ މަޖިލީހުގައި ރޭ އިއުލާނު ކޮށްފައި ވެއެވެ. އެ މަގާމަށް އައްޔަނު ކޮށްފައި ވަނީ އާދަމް ޝަރީފް އުމަރެވެ.

ޕީއެންސީގެ ކޮންގްރެސްގެ ހާއްސަ މަޖިލިސް ނިންމަން ބާއްވާ ބައްދަލުވުން މިރޭ ބޭއްވުމަށް ހަމަޖެހިފައިވެއެވެ.