ހުޅުމާލޭގައި އެކްސިޑެންޓެއް ހިނގާ ދެ މީހަކަށް އަނިޔާ ވެއްޖެއެވެ.

މި އެކްސިޑެންޓް ހިނގާފައިވަނީ މިއަދު މެންދުރުފަހު 2:50 ހާއިރު ހުޅުމާލޭ ސެންޓްރަލް ޕާކް ކައިރީގައެވެ.

ފުލުހުން ބުނާ ގޮތުގައި މި އެކްސިޑެންޓް ހިނގާފައިވަނީ ސެންޓްރަލް ޕާކް ކައިރިން ދުއްވާފައި ދިޔަ ކާރެއް ކޮންޓްރޯލް ނުވެގެން ސައިކަލެއްގައި ޖެހި ގޮސް އެ މަގުގެ އެއްފަރާތުގައި ހުރި ގަހެއްގައި ޖެހިގެންނެވެ.

މި އެކްސިޑެންޓުގައި އަނިޔާވެފައި ވަނީ ކާރު ދުއްވަން އިން ފިރިހެން މީހާ އަށާއި ސައިކަލު ދުއްވަން އިން އަންހެނަކަށެވެ. އެދެމީހުންނަށް ވެސް މާ ބޮޑެތި އަނިޔާތަކެއް ލިބިފައި ނުވާކަމަށް ފުލުހުން ބުނެއެވެ.

އެކްސިޑެންޓުގައި އަނިޔާވި އަންހެން މީހާއަށް ބޭރުފުށުން ބޮޑެތި އަނިޔާތަކެއް ލިބިފައި ނުވި ނަމަވެސް އެމީހާ އަދި އޮތީ ހުޅުމާލޭ ހޮސްޕިޓަލުގެ އޮބްޒަވޭޝަން ގައި ބާއްވާފައި ކަމަށް ފުލުހުން ބުނެއެވެ. އެކަމަކު ކާރު ދުއްވި ފިރިހެން މީހާ މިހާރު ދޫކޮށްލާފައި ވާކަމަށް ފުލުހުން ބުނެއެވެ.

ފުލުހުން މިހާރު ދަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.