މިދިޔަ އާދީއްތަ ދުވަހު ލަންކާގައި ދިން ބޮމުގެ ހަމަލާތަކާއި ގުޅިގެން، ދިވެހިން ދިރިއުޅޭ ގެތައް ބަލާ ފާސްކުރުމުގައި، ލަންކާ ފުލުހުންގެ ބެލުމުގެ ދަށަށް ގެނައި ހަތަރު ދިވެއްސެއް ދިރިއުޅޭ ގެއިން މަސްތުވާތަކެތި ފެނުނު މައްސަލައެއް ފެންމަތިވެއްޖެއެވެ.

މައުލޫމާތު ލިބޭ ގޮތުގައި ލަންކާ ފުލުހުންގެ ބެލުމުގެ ދަށަށް ގެނައި ހަ ދިވެހިންގެ ތެރެއިން ހަތަރު މީހަކު ދިރިއުޅޭ ގެ ބަލާ ފާސްކުރި އިރު މަސްތުވާތަކެތި ވަނީ ފެނިފައެވެ. ނަަމަވެސް މި މައްސަލައިގެ އިތުރު ތަފްސީލެއް މިހާތަނަށް ލަންކާ ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.

މައުލޫމާތު ލިބޭ ގޮތުގައި މަސްތުވާތަކެތި ފެނިފައިވަނީ ދަރިވަރުންތަކެއް ދިރިއުޅޭ ގެއަކުންނެވެ. އަދި މަސްތުވާ ތަކެއްޗާއެކު އެއާ ގަން އެއް ފެނިފައިވާ ކަމަށާއި، އެތަކެތި ލަންކާ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވިފައިވާކަމަށް މައުލޫމާތު ލިބެއެވެ.

"ދަޕްރެސް" އާ ވާހަކަ ދައްކަމުން ލަންކާގައި ކިޔަވާ ދަރިވަރަކު ބުނީ، ލަންކާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ ދިވެހިން ތެރެއިން އެކަކު ދިރިއުޅޭ ގެއަކުން އެއާ ރައިފަލް އެއް ފެނުނު ކަމަށެވެ. ނަމަވެސް މަސްތުވާތަކެތި އަތުލިކަމުގެ ހަބަރެއް ދިވެހިންގެ ތެރޭގައި ވެސް ނެތް ކަމަށެވެ.

ލަންކާ ފުލުހުންގެ ބެލުމުގެ ދަށުގައި ހަ ދިވެއްސަކު ތިބިކަން ރާއްޖޭގެ ފޮރިން މިނިސްޓްރީން ވެސް ވަނީ ކަށަވަރުކޮށްދީފައެވެ.

މައުލޫމާތު ލިބިފައިވާގޮތުގައި މަސްތުވާތަކެތި ފެނުނު ހަތަރު ގޭގައި ދިރިއުޅޭ ދިވެހިންގެ މައްސަަލައިގައި އެމީހުން އަތުން ބަޔާނެއް ނަގާ ކޯޓަށް ހާޒިރުކުރުމަށް ވަނީ ނިންމާފައެވެ.