ސިފައިންގެ 127 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި އެމްއެންޑީއެފުން މިއަދު ބޭއްވި ޑްރިލް ޑިސްޕްލޭ ޑިފެންސް މިނިސްޓަރު މާރިޔާ ބައްލަވާލައްވައިފިއެވެ.

މިއަދު ހަވީރު ޖުމްހުރީ މައިދާނުގައި އޮތް ޑްރިލް ޑިސްޕްލޭ ބައްލަވާ ލެއްވުމަށް ޑިފެންސް މިނިސްޓަރުގެ އަރިހުގައި ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް ޢަބްދުﷲ ޝަމާލާއި، ވައިސް ޗީފް އޮފް ޑިފެންސް ފޯސް ބްރިގޭޑިއާ ޖެނެރަލް އަބްދުއްރަހީމް އަބްދުއްލަތީފު ބައިވެރިވެވަޑައިގެންނެވިއެވެ.

މިއަދުގެ ހަރަކާތްތައް ބަލާލުމަށް އެ ސަރަހައްދަށް ދިޔަ އާންމުންނަށް ޑްރިލް ސްކޮޑާ އެކު ފޮޓޯ ނެގުމުގެ ފުރުސަތު އެމްއެންޑީއެފުން ހުޅުވާލިއެވެ. އެމްންޑީއެފްގެ ހެވިކަމުގެ ހަރަކާތްތައް ބަލާލުމަށް ޖުމްހޫރީ މައިދާނަށް އެކި އުމުރުފުރައިގެ ގިނަ އަދަދެއްގެ މީހުން އެއްވެފައި ވެއެވެ.

ސިފައިންގެ އަހަރީ ދުވަސް ފާހަގަ ކުރުމަށް މިދިޔަ ހަފްތާގައި ހުޅުމާލެ އަދި ވިލިމާލޭގައި ވެސް ޑްރިލް ޑިސްޕްލޭ އެއް ބާއްވާފައި ވެއެވެ.

އެމްއެންޑީއެފްގެ ހެވިކަމުގެ ހަރަކާތްތަކަކީ ގިނަ ބައެއްގެ ތަރުހީބު އެކަމަކަށް ލިބިގެންދާ ހަރަކާތެކެވެ.