ހާއްސަ ބައެއް އިވެންޓް ތަކުގެ ތެރެއިން، އެ ހަރަކާތެއްގެ ވީޑިއޯ ނުވަތަ އޯޑިއޯ ރެކޯޑްކޮށް ފޮނުވުމުގެ ފުރުސަތު ހަމައެކަނި ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް) އަށް އޮންނަ އިވެންޓް ތަކުގެ ކްލީން ފީޑް އެހެން ޗެނަލް ތަކަށް ހިލޭ ދޫކުރުމަށް އެކުންފުނިން ނިންމައިފިއެވެ.

އެ އިވެންޓެއްގެ ކްލީން ފީޑް ޕީއެސްއެމްއިން ހިލޭ ދޫކުރުމަށް ހަމަޖެހިފައިވާ އިވެންޓް ތަކުގެ ތެރޭގައި އެ އިވެންޓެއްގައި ރައީސުލްޖުމްހޫރިއްޔާ، ރައީސުލްޖުމްހޫރިއްޔާގެ ނައިބު، މަޖިލީހުގެ ރައީސް އަދި އުއްތަމަ ފަނޑިޔާރު ބައިވެރިވެ ވަޑައިގަންނަވާ ދައުލަތުގެ މުއައްސަސާ ތަކުން ބާއްވާ އިވެންޓްތައް ހިމެނެއެވެ. މީގެ އިތުރުން ކާރިސާ ތަކާއި، ނޭޝަނަލް ސެކިއުރިޓީ އަދި ގައުމީ ބޮޑެތި ކަންކަމާއި ގުޅިގެން ދައުލަތުގެ މުއައްސަސާތަކުން ބާއްވާ އިވެންޓްތަކުގެ ކްލީން ފީޑް ވެސް ހިލޭ ދޫކުރުމަށް ހަމަޖެހިފައި ވެއެވެ.

އެކަމަކު އެފަދަ ހާއްސަ އިވެންޓްތަކުގެ ތެރެއިން އެހެން ޗެނަލްތަކަށް އެ އިވެންޓެއްގެ ކަވަރޭޖް ގެނެސްދިނުމުގެ ހުއްދަ އޮންނަ އިވެންޓް ތަކުގެ ފީޑް ޕީއެސްއެމުން ހިލޭ ދޫކުރާނީ ޕީއެސްއެމްގެ ކަވަރޭޖްއެއްކަން އެނގޭ ވޯޓާމާކް އަކާ އެކީގައެވެ. އެ އިވެންޓް ތަކުގެ ކްލީންފީޑް ޕީއެސްއެމްއިން ދޫކުރުމަށް ހަމަޖެހިފައިވަނީ 500 ރުފިޔާގެ ރޭޓުން ކަމަށް އެފަރާތުން ބުނެއެވެ.

އަދި މިނޫން އިވެންޓް ތަކުގެ ފީޑް ޕީއެސްއެމް އިން ދޫކުރުމަށް ހަމަޖެހިފައިވަނީ ގަޑިއިރަކަށް 2000 ރުފިޔާ ގެ ރޭޓުންނެވެ.

ޕީއެސްއެމްގެ ފީޑް ދޫކުރުމުގެ އުސޫލަށް މި ގެނައި ބަދަލަކީ، އެކުންފުނީގެ ލޯގޯ ނެތި އެއްވެސް އިވެންޓެއްގެ ފީޑެއް އެހެން ޗެނަލަކަށް ދޫނުކުރަން އެ ކުންފުނިން ނިންމި ނިންމުމާ ގުޅިގެން ބައެއް މީޑިއާ ތަކުން އެކަމާ ނުރުހުން ފާޅުކުރަމުން ދަނިކޮށް ގެނެސްފައިވާ ބަދަލެކެވެ.