ރާއްޖޭގެ ސަލާމަތީ ބާރުތަކުން އަންނަނީ ރައްޔިތުންގެ ރައްކާތެރި ކަމަށްޓަކާ ކުރަންޖެހޭ ހުރިހާ ކަމެއް ކުރަމުން ކަމަށް ޑިފެންސް މިނިސްޓަރު މާރިޔާ އަހްމަދު ދީދީ ވިދާޅުވެއްޖެއެވެ.

މާރިޔާ މިހެން ވިދާޅުވީ، ސިފައިންގެ 127 އަހަރީ ދުވަހާ ގުޅިގެން އެމްއެންޑީއެފް ގެ ޑްރިލް ޑިސްޕްލޭ އެއް މިއަދު ހަވީރު ބޭއްވުމަށް ހަމަޖެހިފައިވާތީ، ޑްރިލް ބޭއްވުމަށް ވުރެ މާ މުހިންމު ކަންކަން މިވަގުތު އެބަހުރި ކަމަށް ބުނެ މީހަކު ކޮށްފައިވާ ޓްވީޓަކާ ގުޅިގެންނެވެ.

އެ ޓްވީޓް ކުރި ފަރާތުން ބުނެފައި ވަނީ ލަންކާ އަށް ދިން ހަމަލާއިން ފިޔަވަޅެއް ލިބި ރާއްޖޭގެ ސެކިއުރިޓީ ހަރުދަނާ ކުރަން އުޅުން މާރަނގަޅު ކަމަށެވެ.

އޭގެ ޖަވާބުގައި މިނިސްޓަރު މާރިޔާ ވިދާޅުވީ، ސަލާމަތީ ކަންކަމާ ގުޅުން ހުރި ކަންބޮޑުވުންތައް ހިއްސާކުރަމުން ގެންދާ ފަރާތްތަކަށް ޝުކުރު އަދާކުރައްވާ ކަމަށެވެ. އަދި ޓެރަރިސްޓުން ގެ އެންމެ ބޮޑު އެއް އަމާޒަކީ އާންމު ދިރިއުޅުމަށް ނުފޫޒު ފޯރުވުން ކަން މާރިޔާ ފާހަގަ ކުރެއްވިއެވެ.

އަދި ރާއްޖޭގެ ރައްކާތެރި ކަމަށްޓަކާ ކުރަންޖެހޭ ހުރިހާ ކަމެއް ސަލާމަތީ ބާރުތަކުން ކުރަމުން ގެންދާ ކަމަށް ވިދާޅުވެ، ކުޑަކުދިންނަށް މިއުޒިކަލް ޑްރިލް ބަލާލުމުގެ ފުރުސަތު ފަހި ކޮށްދިނުމަށް ވެސް ޑިފެންސް މިނިސްޓަރު އެދިވަޑައިގެންނެވިއެވެ.

ސިފައިންގެ އަހަރީ ދުވަސް ފާހަގަ ކުރުމުގެ ގޮތުން ބާއްވާ އެމްއެންޑީއެފް ޑްރިލް ޑިސްޕްލޭ ބޭއްވުމަށް ހަމަޖެހިފައިވަނީ މިއަދު 4:45 ގައެވެ. މި ޑްރިލް އޮންނާނީ ޖުމްހޫރީ މައިދާނުގައެވެ.