މިދުވަސްކޮޅު މީހުން އެއްވުމަކީ ނުރައްކާތެރި ކަމަކަށް ވެދާނެތީ ރައްޔިތުންގެ ރައްކާތެރިކަމަށްޓަކާ މާދަމާގެ ހުކުރުނަމާދު ގޭގައި ކުރުމަށް ލަންކާގެ މިނިސްޓާ އޮފް ޕޯސްޓަލް ސާވިސް އެންޑް މުސްލިމް ރިލިޖިއަން އެފައާސް އަބްދުލް ހަކީމް މުހައްމަދު ހާޝިމް ގޮވާލައްވައިފިއެވެ. މިކަމާ ގުޅޭގޮތުން އަބްދުލް ހަކީމް މުހައްމަދު ހާޝިމް ނެރުވި ބަޔާނެއްގައި ބުނެފައި ވަނީ ނަސާރާ ދީނުގެ މީހުންނަށް ދިން ހަމަލާ ކުށްވެރި ކުރުމުގެ ގޮތުންނާއި މިފަދަ ވަގުތެއްގައި އެއްވެ އުޅުން ރައްކާތެރި ނުވެދާނެތީ މާދަމާގެ ހުކުރު ނަމާދު މުސްލިމުން ގޭގައި ތިބެ ކުރުމަށް އިލްތިމާސް ކުރާކަމަށެވެ.

އަބްދުލް ހަކީމް މުހައްމަދު ހާޝިމް މިހެން ބުނެފައިވަނީ ބަދަލް ހިފުމުގެ ގޮތުން މާދަމާ ހުކުރު ނަމާދު ވަގުތުގައި ބޮމުގެ ހަމަލާތައް ދޭނެ ކަމަށް ބުނެފައިވާ ރިޕޯޓްތަކެއް ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ވަގުތެއްގައެވެ.

މިދިޔަ އާދީއްތަ ދުވަހު ލަންކާއަށް ފުލުފުލުގައި ދިން ބޮމުގެ ހަމަލާތަކުގައި ވަނީ އެގައުމުގެ 300 އަށްވުރެ ގިނަ ރައްޔިތުން މަރުވެފައެވެ. މިހާރު ބޮމުގެ ހަމަލާތަކުގައި ބައިވެރިވި 24 މީހުން ވަނީ ހައްޔަރުކޮށްފައެވެ. އަދި މި ހަމަލާ ދިނުމުގައި ބައިވެރިވި ކަމަށް ބެލެވޭ މީހުން ހިފާ ހައްޔަރުކުރުމުގެ މަސަތްކަތާއި ބޮންތައް ހޯދުމުގެ މަސަތްކަތް ލަންކާގެ ދިފާއީ ބާރުތަކުން ދަނީ ކުރަމުންނެވެ.