ފަނޑިޔާރުން މީ މަތިން އައިސްގެން އުޅޭ ބައެއްތޯ ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އަލީ ނިޒާރު ސުވާލު ކުރައްވައިފިއެވެ.

ނިޒާރު މިހެން ވިދާޅުވީ ފޮނަދޫ ދާއިރާގެ އިންތިހާބީ މެންބަރު އަދި ގާނޫނީ ވަކީލް މޫސާ ސިރާޖު އަދި ކުރީގެ ބަންޑާރަ ނައިބު ހުސްނުއްސުއޫދު ސުޕްރީމް ކޯޓަށް ފާޑުވިދާޅުވުމުން، އެ ކޯޓަށް ހާޒިރުކުރުމާއި ގުޅިގެންނެވެ.

"އަޖައިބުވެ އަންތަރީސް ވާވަރު ކަމެއް. މި ފަނޑިޔާރުން މީ މަތިން އައިސްގެން އުޅޭ ބައެއްތޯ؟" ނިޒާރު އެއްސެވިއެވެ.

ނިޒާރު ވިދާޅުވީ ސުޕްރީމް ކޯޓާއި ބެހޭ ގޮތުން ރައްޔިތުންނަށް ފާޑު ކިޔޭނެ ކަމަށާއި އެ ފާޑުކިޔުން އަޑު އަހަން ވެސް ޖެހޭނެ ކަމަށެވެ.

ސިރާޖު ސުޕްރީމް ކޯޓަށް ހާޒިރުވާން އަންގާފައި ވަނީ، މި މަހުގެ 23 ވަނަ ދުވަހު އޭނާ ކުރެއްވި ޓްވީޓަކާއި ގުޅިގެން ކަމަށް ބެލެވެއެވެ. އެ ޓްވީޓުގައި ސިރާޖު ވިދާޅުވެފައިވަނީ ފަނޑިޔާރުގެ އިސްލާހު ކުރެވޭނީ ފަނޑިޔާރުން ވަކިކޮށްގެން ކަމަށެވެ. އަދި ހާއްސަކޮށް ސުޕްރީމް ކޯޓުގައި ތިއްބެވި "ކޮރަޕްޓް" ފަނޑިޔާރުން ވަކިކޮށްގެން ކަމަށާއި، ފަނޑިޔާރުގެ އިސްލާހު ކުރަން ރައްޔިތުންގެ މަޖިލިސް ތެރެއިން ކުރައްވަން ޖެހުނު ކޮންމެ ކަމެއްގައި އޭނާ ބައިވެރިވެވަޑައިގަންނަވާނެ ކަމަށެވެ.

އަދި ސުއޫދު ސުޕްރީމް ކޯޓަށް ހާޒިރު ކުރީ ޓީވީ ޕްރޮގްރާމްގައި ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ބެންޗުގައި ތިއްބެވި ފަނޑިޔާރުންނަކީ އިތުބާރު ކުރެވޭ ފަނޑިޔާރުންތަކެއް ނޫންކަމަށް ވިދާޅުވެ ދެއްކެވި ވާހަކަތަކާ ބެހޭގޮތުން ސުވާލު ކުރުމަށެވެ.