އިސްކަންދަރު ސްކޫލަށް 58 އަހަރު ފުރޭ މުނާސަބަތު ފާހަގަ ކުރުމަށް މިއަދު ބޭއްވި ހާއްސަ ރަސްމިއްޔާތުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އެ ސްކޫލުގެ ޑިޖިޓަލް ލައިބްރަރީ ”ނޮލެޖް ހަބް“ އިފްތިތާހު ކޮށްދެއްވައިފިއެވެ.

މި ރަސްމިއްޔާތު އޮތީ މިއަދު ހެނދުނު އިސްކަންދަރު ސްކޫލުގައެވެ. އިސްކަންދަރު ސްކޫލަށް 58 އަހަރު ފުރޭ މުނާސަބަތުގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި ރައީސް ވަނީ ޑިޖިޓަލް ލައިބްރަރީ ”ނޮލެޖް ހަބް“ ގެ އިތުރުން އިސްކަންދަރު އޮކެސްޓްރާ ބޭންޑް އިފްތިތާހު ކޮށްދެއްވައިފައެވެ. މީގެ އިތުރުން އެމަނިކުފާނު ވަނީ ”ސޭވިންގ އަވާ ބިލަވްޑް ޕްލެނެޓް“ ގެ ނަމުގައި އެސްކޫލްގައި ބާއްވާ އެގްޒިބިޝަން ވެސް ހުޅުއްވައިދެއްވައިފައެވެ.

މި ހަފްލާގައި އިސްކަންދަރު ސްކޫލަށް 30 އަހަރަށްވުރެ ގިނަ ދުވަހު ހިދުމަތް ކުރައްވާފައިވާ ފަރާތްތަކަށް އެ ސްކޫލުން ދިން ހަނދާނީ ފިލާ އެފަރާތްތަކާ ރައީސް ހަވާލުކޮށްދެއްވިއެވެ.

މިއަދު ބޭއްވި ރަސްމިއްޔާތުގައި އިސްކަންދަރު ސްކޫލްގެ ދަރިވަރުން ތިމާވެއްޓަށް އަހުލުވެރިކުރުވުމަށްޓަކައި ހިންގޭ ހަރަކާތްތަކުގެ ތެރެއިން ދަރިވަރުން ފެންބުއިމަށް ބޭނުންކުރާ ތިމާވެއްޓާ ރަށްޓެހި ފުޅި ވަނީ ހަވާލުކުރަން ފަށާފައެވެ.

ރައީސް ވަނީ އިސްކަންދަރު ސްކޫލަށް ކުރެއްވި ޒިޔާރަތުގައި އެ ސްކޫލުގެ ”އީ ލައިބްރަރީ“ ބައްލަވާލެއްވުމަށްފަހު އެ ސްކޫލުގެ މެހެމާނުން ސޮއިކުރައްވާ ފޮތުގައި ސޮއިކުރައްވާފައެވެ.