ދިރާގާއި ބައިކް މޯލްޑިވްސްއިން ގުޅިގެން ރާއްޖޭގެ ސްކޫލްތަކަށް އަމާޒު ކޮށްގެން ހުޅުމާލޭ ބައިކް ޓްރެކްގައި މަމެން އިންޓާ ސްކޫލް ބައިކް ޗެމްޕިއަންޝިޕް ބާއްވަން ހަމަޖައްސައިފިއެވެ.
ދެ ދުވަހުގެ މުއްދަތަށް ކުރިއަށްގެންދާ މި މުބާރާތް ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ ހުކުރު ދުވަހާއި ހޮނިހިރު ދުވަހުގައި ކަމަށް ދިރާގުން ބުނެއެވެ. މި މުބާރާތުގެ ރޭސްތައް ތާވަލުކުރެވިފައިވަނީ މި މަހުގެ 26 ވާ ހުކުރު ދުވަހުގެ ހެނދުނު 7:00 އިން 9:00 އަށާއި، މި މަހުގެ 27 ވާ ހޮނިހިރު ދުވަހުގެ ހެނދުނު 7:00 އިން ހަވީރު 4:00 އަށް ކަމަށް ދިރާގުން ބުނެއެވެ. މިއީ ދިރާގާއެކު ބައިކް މޯލްޑިވްސް އިން މިމުބާރާތް ބާއްވާ ދެވަނަ އަހަރެވެ.
އަންނަ ހަފްތާ ބަނދުގައި ބާއްވާ މުބާރާތުގައި 16 ސްކޫލަކުން 515 ކުދިން ބައިވެރިވެފައިވާ ކަމަށް ދިރާގުން ބުނެއެވެ. މި މުބާރާތުގައި މިފަހަރުވެސް ތިން އުމުރުފުރާގެ މެދުގައި ތަފާތު 25 ރޭހެއް ކުރިއަށްދާނެއެވެ. އެއީ 14 އަހަރުން ދަށް، 16 އަހަރުން ދަށް އަދި 18 އަހަރުން ދަށުގެ އުމުރުފުރާއެވެ.
ދިރާގުން ބުނީ، ކޮންމެ އުމުރުފުރާއެއްގައި ވެސް އަންހެން އަދި ފިރިހެން ބައި ކުރިއަށް ދާނީ ވަކިވަކިން ކަމަށެވެ. މީގެ އިތުރުން 12 އަހަރުން ދަށުގެ އުމުރު ފުރާއަށް ހާއްސަ ކޮށްގެން ބާއްވާ "ފަން ރައިޑް" ގެ ނަމުގައި ހާއްސަ ބައިސްކަލު ރޭހެއް ބޭއްވުމަށް ހަމަޖެހިހފައިވާ ކަމަށްވެސް ދިރާގުން ބުނެއެވެ.
ބައިސްކަލް ދުއްވުމަކީ ތިމާވެއްޓަށް ފައިދާ ހުރި ކަމަކަށްވެފައި ދިވެހިރާއްޖެއަށް އެކަށީގެންވާ ކަމެއްކަން ފާހަގަކޮށް ދިރާގުން ބުނީ އެ ކުންފުނީގެ އަމާޒަކީ ބައިކް މޯލްޑިވްސްއާ ގުޅިގެން މިފަދަ ތިމާވެއްޓާ ރައްޓެހި އަދި ދުޅަހެޔޮ އާދަތައް ސްކޫލް ދަރިވަރުންގެ ކިބައިގައި އަށަގެންނެވުމަށް ބާރުއެޅުން ކަމަށެވެ.