މިދިޔަ އާދީއްތަ ދުވަހު ބޮން ގޮއްވައިގެން ދިން ހަމަލާތަކުގައި އެތައް ބަޔަކު މަރުވެ، ޒަހަމްވުމާ ގުޅިގެން އަވަށްޓެރި ސްރީލަންކާއަށް ލިބިފައިވާ ހިތާމައަށް ސިފައިންގެ މައިމަރުކަޒު ބަންޑާރަ ކޮށީގެ ލެޑްބޯޑު ހާއްސަކޮށްފިއެވެ.

ލަންކާގައި ދިން ބޮމުގެ ހަމަލާތަކުގައި މަރުވި މީހުންގެ އަދަދަ މިހާރު ވަނީ 300 އަށް ވުރެ މައްޗަށް ގޮސްފައެވެ. އަދި އެ ހާދިސާތަކުގައި 480 އެއްހާ މީހުން ޒަހަމްވެފައި ވެއެވެ.

ބަންޑާރަ ކޮށީގެ ލެޑްބޯޑުގައި ލަންކާގެ ރައްޔިތުންނަށް ހާއްސަ ތައުޒިޔާގެ މެސެޖެއްވެސް ލިޔެފައި ވެއެވެ.

" ސްރީލަންކާގައި ހުންނަ ރާއްޖޭގެ ދިދަ މިއަދު ވަނީ ބައިދަނޑިއަށް ތިރިކޮށްފަ. ބޮންގޮއްވުމުގެ ހާދިސާގައި އެތައް ބަޔަކު މަރުވުމުން ލަންކާއަށް ކުރިމަތިވެފައިވައި ގައުމީ ހިތާމައިގައި މި ދުވަހުގައި ލަންކާގެ ރައްޔިތުންނާއި ސަރުކާރާ އެކު ސާބިތުވެ ތިބޭނަން" ލެޑްބޯޑުގައި އިނގިރޭސި ބަހުން ލިޔެފައިވެއެވެ.

މިދިޔަ މާޗުމަހުގެ ނިއުޒިލެންޑުގެ މިސްކިތަކަށް ހުކުރުވަގުތު ހަމަލާދީ 50 މުސްލިމުން މަރާލުމާ ގުޅިގެން ވެސް އެމްއެންޑީއެފް ގެ ލެޑް ބޯޑަށް އެކަމަށް ހާއްސަކޮށްފައިވާ ނިޝާން "ސިލްވަފާން" އަރުވާފައި ވެއެވެ.