އާދީއްތަ ދުވަހު ސްރީލަންކާއަށް ދިން ނުރައްކާތެރި ޓެރަރިސްޓް ހަމަލާ އާ ގުޅިގެން އަޅުއްވަން ޖެހިވަޑައިގަންނަވާ ފިޔަވަޅުތައް ދެނެވަޑައިގެންނެވުމުގެ މަސައްކަތްޕުޅު ކުރައްވަމުން ގެންދަވާ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ސިފައިންގެ 127 ވަނަ އަހަރީ ދުވަހުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ލަންކާއަށް ދިން ހަމަލާތަކާ ގުޅިގެން އެމްއެންޑީއެފާއި، ނޭޝަނަލް ކައުންޓާ ޓެރަރިޒަމް ސެންޓަރާއި ފުލުހުން ގުޅިގެން މިހާރު ރާއްޖޭގެ ސަލާމަތީ ހާލަތު ވަޒަން ކޮށްފައި ވާކަމަށެވެ.

މިރޭގެ ރަސްމިއްޔާތުގައި ރައީސް ދެއްކެވި ވާހަކަފުޅު ފަށްޓަވާފައި ވަނީ ވެސް ލަންކާގައި ހިނގާދިޔަ ޓެރަރިސްޓް ހަމަލާތަކާއި ގުޅިގެން އެ ގައުމަށް ކުރިމަތިވެފައިވާ ހިތާމައިގެ ހަނދުމަ އާކުރައްވަމުންނެވެ. އަދި އެ ހަމަލާތަކުގައި މަރުވެ ދިޔަ މީހުންގެ އާއިލާތަކަށް ތައުޒިޔާ ދަންނަވަމުންނެވެ.

"އަވަށްޓެރި ސްރީލަންކާގައި، މިދިޔަ އާދީއްތަ ދުވަހު ދިން، ނުރައްކާތެރި ޓެރަރިސްޓް ޙަމަލާތަކުގައި މަރުވެދިޔަ މީހުންގެ ޢާއިލާތަކަށް، ދިވެހި ސަރުކާރާއި ރައްޔިތުންގެ ނަމުގައި ތަޢުޒިޔާ ދަންނަވަން. އަދި އަނިޔާ ލިބުނު މީހުންނަށް އަވަސް ޝިފާއެއް ދެއްވުން އެދި ދުއާކުރަން" ރައީސްގެ ވާހަކަފުޅު ފަށްޓަވަމުން ވިދާޅުވިއެވެ.

އަވަށްޓެރި ލަންކާއަށް ދިން ހަމަލާ ރައީސް ސޯލިހު ހަރުކަށި އިބާރާތުން ކުށްވެރި ކުރެއްވިއެވެ. ރައީސް ވިދާޅުވީ އެއީ ލަންކާގައި ދިން ހަމަލާއެއްކަމަށް ވިޔަސް އެއީ މުޅި މިސަރަހައްދަށް ކުރިމަތިވި ވަރަށް ބޮޑު ނުރައްކަލެއް ކަމަށެވެ.

ރައީސް މިރޭ ވިދާޅުވީ ރާއްޖޭގެ މިނިވަންކަމާއި ރައްޔިތުންގެ ހިމާޔަތަށްޓަކައި ރުކުރުވާލާފައި މިވާ ސަފުތަކުގެ ބަދަހިކަމަށް ދިވެހި ސިފައިންގެ އެންމެ ފަހު މީހާގެ އެންމެ ފަހު ނޭވާއާ ހަމައަށް ވެސް ކުޑަވެސް ލޮޅުމެއް ނާރާނެކަން ސިފައިންގެ އެންމެމަތީ ވެރިޔާގެ ހައިސިއްޔަތުން ޔަގީންކޮށްދެއްވާ ކަމުގައެވެ.