ގެއްލުވާލާފައިވާ މިނިވަން ނޫހުގެ ނޫސްވެރިޔާ އަހްމަދު ރިލްވާނާއި އާއި ރަހުމު ކުޑަކޮށް މަރާލާފައި އޮއްވާ ފެނުނު ބްލޮގަރު ޔާމީން ރަޝީދަށް، އިންސާފު ހޯދައިނުމަށް ގޮވާލާ މާލޭގެ މަގުތަކުގައި މިއަދު ބޭއްވި ހިނގާލުމުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ބައިވެރިވެ ވަޑައިގެންފިއެވެ.

ޔާމިން މަރާލިތާ 2 އަހަރު ފުރުމާ ގުޅިގެން ބޭއްވި އިންސާފުގެ ހިނގާލުން ފެށިފައިވަނީ މިއަދު ހަވީރު 4:30 ގައި ރަސްފަންނު ސަރަހައްދުންނެވެ. މި ހިނގާލުމުގައި ޔާމީނާއި ރިލްވާނުގެ އިތުރުން ކުށެއް ނެތި މަރާލެވުނު އެންމެންނަށް އިންސާފު ހޯދައިދިނުމަށް ގޮވާލާފައި ވެއެވެ. މިއަދުގެ ހިނގާލުމުގައި ބޭނުން ކޮށްފައިވާ ޝިއާރަކީ "ދުލެއް ނުކުރާނަން" މި ޝިއާރެވެ. މި ހިނގާލުން ނިންމާލާފައި ވަނީ އާޓިފިޝަލް ބީޗު ސަރަހައްދަށެވެ.

ރައީސް ސޯލިހު މިއަދު ވަނީ އިންސާފު ހޯދުމަށް ރިލްވާނާއި ޔާމީން ގެ އާއިލާއިން ކުރަމުންދާ މަސައްކަތުގައި ބައިވެރިވެވަޑައިގަތުމުގެ ގޮތުން ޓްވީޓެއްވެސް ކުރައްވާފައެވެ.

2014 ވަނަ އަހަރުގެ އޮގަސްޓު މަހު ރިލްވާން ބަޔަކު ކިޑްނެޕް ކޮށް ގެއްލުވާލި ފަހުން މިހާތަނަށް ވެސް އޭނާއަށް ވީ ގޮތެއް ހޯދިފައެއް ނުވެއެވެ. އަދި 2017 ވަނަ އަހަރުގެ އޭޕްރީލް މަހުގެ 23 ވަނަ ދުވަހުގެ ރޭ ދަންވަރު ރިލްވާން ގެ ގާތް އެކުވެރިޔާ ޔާމީން ވެސް ވަނީ އަނިޔާވެރި ގޮތަކަށް މަރާލާފައެވެ.

ރިލްވާނުގެ މައްސަލައާ ގުޅިގެން ދައުވާ ކުރި ދެމީހުންގެ މައްޗަށް ދައުލަތުގެ ފަރާތުން ކުރި ދައުވާގައި އެ ދެމީހުންގެ މައްޗަށް ކުށް ސާބިތު ނުވާކަމަށް ޝަރީއަތުން ހުކުމްކޮށްފައި ވެއެވެ. ޔާމީން ގެ މައްސަލައިގާ 7 މީހެއްގެ މައްޗަށް ދައުލަތުން ދައުވާ އުފުލާފައި ވެއެވެ.