ރޭ ރާއްޖެ ޓީވީގެ "ފަލަ ސުރުހީ" ޕްރޮގްރާމްގައި ޝަރުއީ ދާއިރާއާ ގުޅޭގޮތުން ކުރީގެ ބަންޑާރަ ނައިބު ހުސްނުއް ސުއޫދު ދެއްކެވި ވާހަކަތަކާ ގުޅިގެން އެ މައްސަލަ ބެލުމަށް ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހުން ނިންމައިފިއެވެ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ބެންޗުގައި ތިއްބެވި ފަނޑިޔާރުންނަކީ އިތުބާރު ކުރެވޭ ފަނޑިޔާރުންތަކެއް ނޫންކަމަށާއި، އެ އެންމެން ވަކިކުރަން ޖެހޭ ކަމަށް ރޭ ހުސްނުއްސުއޫދު ވަނީ ވިދާޅުވެފައެވެ.

އޭނާ ވިދާޅުވީ ފެނިފައިވާ މަންޒަރުތަކަށް ބަލާއިރު، އެކެއް ފެބްރުއަރީގައި ސުޕްރީމް ކޯޓުން ކުރި ހުކުމާ، އެ ހުކުމް ފަހެއް ފެބްރުއަރީގައި ބަދަލުކުރުމާ، މިކަންކަމަށް ބަލާއިރު، އެބޭފުޅުންގެ އިތުބާރު ވަރަށްބޮޑަށް ގެއްލިފައި ވާކަމަށެވެ. އަދި އެ ހުކުމްގައި ސޮއިކުރެއްވި ފަނޑިޔާރުން ޖެހިގެން އައި ދުވަހު، އެ ހުކުމްގައި ސޮއިކުރެއްވީ ނުފޫޒެއްގެ ދަށުވެގެން ކަމަށް ވިދާޅުވުމުން، އެބޭފުޅުންގެ ގާބިލް ކަމާ މެދު ބަލާ ދިރާސާ ކުރައްވަން ޖެހިވަޑައިގަންނަވާ ކަމަށް ސުއޫދު ވިދާޅުވިއެވެ.

އެކަމަކު ކުއްލިއަކަށް ހުރިހާ ފަނޑިޔާރުން ވަކިކުރުމާ އޭނާ ދެކޮޅު ހައްދަވާ ކަމަށާއި އެކަން ކުރަން ޖެހޭނީ ވަކި ޕްރޮސެސްއެއްގެ ތެރެއިން ވަރަށް ހާމަކަން ބޮޑުކަމާއެކު ހުޅުވާލެވިފައިވާ މޭރުމަކުން ކަމަށް ސުއޫދު ވިދާޅުވިއެވެ.

ސުޕްރީމް ކޯޓުން މި މައްސަލަ ބެލުމާށް ނިންމާފައިވަނީ ކޯޓު ހުރުމަތް ރައްކާތެރިކުރުމާބެހޭ ގާވާއިދާއި ދިވެހިރާއްޖޭގެ ކޯޓުތަކުގައި ވަކާލާތުކުރާ ގާނޫނީ ވަކީލުންނާބެހޭ ގާވާއިދުގެ ދަށުންނެވެ.