ރަސްފަންނު މޫދަށް އެރޭ ސަރަހައްދުގައި ނަޖިސް ފެތުރެމުންދާތީ އެތަން ބަންދުކުރުމަށް ފަހު އަނެއްކާވެސް އާންމުންނަށް ހުޅުވާލައިފިއެވެ. މީގެ ކުރިން ރަސްފަންނު ބަންދުކޮށްފައިވަނީ އެތަނުގައި ނަޖިސް ދައުރުވަމުން ދާތީ އާންމުންގެ ރައްކާތެރިކަމަށްޓަކާ ސިޓީ ކައުންސިލް އަދި ފުލުހުންނާ ގުޅިގެންނެވެ. މާލެ ސިޓީ ކައުންސިލްގެ ޑެޕިއުޓީ މޭޔަރު ޝަމާއު ޝަރީފް ވިދާޅުވީ ސިޓީ ކައުންސިލުން އެޗް.ޕީ.އޭއަށް އެންގުމުން ދެފަހަރެއްގެ މަތިން އެޗް.ޕީ.އޭއިން ވަނީ ދިރާސާ ކޮށްފައި ކަމަށާ، މިހާރު ހުޅުވައިފައި ވަނީ އެޗްޕީއޭގެ ހުއްދަ ލިބިގެން ކަމަށެވެ.

ރަސްފަންނުގެ މޫދަށް އެރޭ ސަރަހައްދު ހުޅުވާފައި ވަނީ މިދިޔަ އާދީއްތަ ދުވަހު އެވެ.

ރަސްފަންނު މޫދަށްއެރޭ ސަރަހައްދު ބަންދުކޮށްފައި ވަނީ އާންމުންގެ ފަރާތުން ރަސްފަންނުގައި ނަޖިސް ދައުރުވާކަމުގެ ޝަކުވާ ސިޓީ ކައުންސިލަށް ކުރުމުން، ބެލި ބެލުމުން ސިޓީ ކައުންސިލަށް އެކަން ފާހަގަ ކުރެވިގައި ވާތީ ކަމަށް ޝަމާއު ވިދާޅުވިއެވެ.

މީގެ ކުރިންވެސް ވަނީ އައި.ޖީ.އެމް.އެޗާ ދިމާލުން ބޭރުކޮށްފައިވާ ނަޖިސް ހޮޅިތަކުން ލީކުވެ ރަސްފަންނުގެ މޫދަށް އެރޭ ސަރަހައްދުގައި ނަޖިސް ދައުރުވަމުން ދާތީ އެތަން ބަންދުކޮށްފައެވެ.

ރަސްފަންނަކީ މާލޭގެ ދިރިއުޅެމުންދާ ގިނަ ބަޔަކު މޫދަށް އެރުމަށް ބޭނުންކުރަމުން އަންނަ ތަނެކެވެ. މޫދަށް އެރުމުގެ އިތުރުން ރަސްފަންނަކީ ގިނަ އަދަދަކަށް މާލޭގައި ދިރިއުޅޭ ރައްޔިތުން ހިތްހަމަ ޖައްސާލުމަށް ގޮސް އުޅޭ ސަރަހައްދެކެވެ.