އެއްގަމް ލައިސަންސައް އެދޭ ފޯމުގައި މޯލްޑިވްސް ޕޮލިސް ސާވިސް އިން ފުރަން ޖެހޭ ބައި މީގެ ފަހުން ފުރާނީ ޓްރާންސްޕޯޓް އޮތޯރިޓީން ކަމަށް އެ އޮތޯރިޓީން ބުނެފިއެވެ. މިކަމާ ގުޅޭގޮތުން ޓްރާންސްޕޯޓް އޮތޯރިޓީން ކުރި ޓްވީޓެއްގައި ބުނެފައިވަނީ ކުރިން މޯލްޑިވްސް ޕޮލިސް ސާވިސް އިން އެއްގަމު ލައިސަންސަށް އެދޭ ފޯމުގައި ފުރަމުން އައި ބައި މިހާރު އެ އޮތޯރިޓީގެ ކައުންޓަރުތަކުން ފުރެން ހުނާނޭ ކަމަށެވެ.

އަދި ލައިސަންސަށް އެދި ހުށައަޅާއިރު ކައުންޓަރު ތަކުން ލައިސަންސާ ގުޅޭ މައްސަލައެއް ނުވަތަ އެއްގަމު އުޅަނދުފަހަރާގުޅޭ ގާނޫނާއި ގަވައިދުތަކާ ހިލާފް ވާ މައްސަލައެއް ހުށައެޅިފައި ނުވާނަމަ ލައިސަންސަށް އެދި ހުށައަޅާ ފޯމު ޓްރާންސްޕޯޓް އޮތޯރިޓީގެ ކައުންޓްރު ތަކުން ބަލައިގަންނާނޭ ކަމަށެވެ.

މިމަހުގެ 21 ވަނަ ދުވަހުން ފެށިގެން މިކަމަށް އަމަލު ކުރަން ފަށާފައި ވަނޭ ކަމަށް ޓްރާންސްޕޯޓް އޮތޯރިޓީން ބުނެއެވެ. އެއްގަމު ލައިސަންސަށް އެދޭ ފޯމުގައި މޯލްޑިވްސް ޕޮލިސް ސާވިސް އިން ފުރަމުން އައީ، ލައިސަންސް ހައްދާ ފަރާތް، އެއްގަމު އުޅަނދުގެ ގާނޫނާއި ގަވައިދުތަކާ ހިލާފު ވެފައި ވޭތޯ ބަލާ ބައެވެ.