މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރްސީ)ގެ ހިޔާނާތުގެ މައްސަލައާ ގުޅިގެން ގޭގައި މަޑުކުރަން އެންގި އައިލެންޑް އޭވިއޭޝަންގެ ބޯޑް މެންބަރު އަބްދުﷲ އާޒިމާއި ފެން ކުންފުނީގެ ޗެއާމަން އަހްމަދު މައުސޫމްގެ ސަސްޕެންޝަން އުވާލައިފިއެވެ.

ސަސްޕެންޝަން އުވާލީ މި މިދެބޭފުޅުންގެ މައްސަލައެއް ނެތް ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީި) އިން އެންގުމާއި ގުޅިގެންކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު އިބްރާހިމް ހޫދު ވިދާޅުވިއެވެ. މި ދެ ބޭފުޅުންގެ ސަސްޕެންޝަން އުވާލާފައިވާކަން އެންގުމާ ގުޅިގެން ދެ ބޭފުޅުންވެސް މިއަދު ވަނީ މަސައްކަތަށް ނިކުމެވަޑައިގަންފައެއެވެ.
މައުސޫމު ސަސްޕެންޑް ކޮށްފައިވަނީ އެމްއެމްޕީއާރްސީގެ ހިޔާނާތުގެ ފައިސާއިން ބައެއް، އޭނާގެ ހިއްސާ އޮންނަ ދެ ކުންފުންޏެއްގެ އެކައުންޓަކަށް ޖަމާކުރިކަން ހާމަވުމާ ގުޅިގެންނެވެ. އަދި އާޒިމް ސަސްޕެންޑް ކޮށްފައިވަނީ އެމްއެމްޕީއާރްސީގެ ހިޔާނާތުގެ ތެރެއިން ހޯދާފައިވާ ފައިސާތަކެއް އެސްއޯއެފް ކުންފުނީގެ އެކައުންޓަށް ޖަމާކޮށް، އެ ކުންފުނީގެ އެކައުންޓުން، އާޒިމްގެ އެކައުންޓަކަށް ފައިސާ ޖަމާކޮށްފައިވާ ކަން އޭސީސީގެ ތަހުގީގު ރިޕޯޓުން ހާމަވުމާ ގުޅިގެންނެވެ.

އޭސީސީގެ ރިޕޯޓުން ހަމަވާ ގޮތުން، މައުސޫމްގެ ހިއްސާ އޮންނަ ދެ ކުންފުނީގެ ތެރެއިން އެއް ކުންފުނި ކަމަށްވާ، ސީޖީޓީ ޕްރައިވެޓް ލިމިޓެޑަށް 5.7 މިލިއަން ޑޮލަރު ޖަމާކޮށްފައިވެއެވެ. އެއީ ދިވެހި ރުފިޔާއިން ނަމަ 88.5 މިލިއަން ރުފިޔާއެވެ. މައުސޫމްގެ ހިއްސާ އޮންނަ ދެ ކުންފުންޏަކަށް އެސްއޯއެފުން ޑޮލަރު ޖަމާކޮށްފައި ވާއިރު، ދެވަނަ ކުންފުންޏަށް އެސްއޯއެފުން ޖަމާކޮށްފައިވަނީ 6.1 މިލިއަން ޑޮލަރެވެ. އެއީ 93.5 މިލިއަން ރުފިޔާއެވެ. އަދި މި ރިޕޯޓުން ހާމަވާ ގޮތުގައި އާޒިމްގެ އެކައުންޓަށް ޖަމާވީ 50،000 ޑޮލަރެވެ. އެއީ 771،000 ރުފިޔާއެވެ.

އެމްއެމްޕީއާރްސީ ހިޔާނާތަކީ މި ފަހުގެ ތާރީހުގައި ހިންގާފައި އޮތް އެންމެ ބޮޑު ހިޔާނާތެވެ. 1.3 ބިލިއަން ރުފިޔާގެ ހިޔާާނާތުން ބައިއެޅުނު މީހުންގެ ތެރޭގައި އޭރާ މިހާރުގެ ސަރުކާރުގެ ބޮޑުންނާ ބައެއް މުއައްސަސާތަކުގެ ވެރިންވެސް ހިމެނެއެވެ.