އަވަހާރަކޮށްލާފައިވާ އުނގޫފާރު ދާއިރާގެ ކުރީގެ މެންބަރު ޑރ. އަފްރާޝީމް އަލީއާއި، މަރާލާފައިވާ ބްލޮގަރު ޔާމީން ރަޝީދު އަދި މިނިވަން ނޫހުގެ ނޫސްވެރިޔާ އަހުމަދު ރިޟްވާން ގެއްލުވާލި މައްސަލައިގެ މޯޓިވް ދެނެގަނެވިއްޖެ ކަމަށް މަރާލެވިފައިވާ މީހުންނާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަ ބަލާ ކޮމިޝަންގެ ރައީސް ހުސްނުއްސުއޫދު ވިދާޅުވެއްޖެއެވެ.

ސުއޫދު ވިދާޅުވީ މި ތިން މައްސަލައިގެ މޯޓިވް ހޯދުމަކީ ކޮމިޝަނަށް ލިބުނު އެންމެ ބޮޑު ކާމިޔާބު ކަމަށެވެ. އަދި މި މައްސަލަތައް ތަހުގީގުކޮށް އެކުލަވާލާ އަދި އާންމުކުރާ ރިޕޯޓުގެ އެކަންކަން ހިމަނުއްވާނެކަމަށް ސުއޫދު ވިދާޅުވިއެވެ. އޭނާ ވިދާޅުވީ ކުރިން މި މައްސަލަތަކުގައި ފޯކަސް ކުރެވިފައި ހުރި ގޮތާއި، އޭގެ މޯޓިވް ހޯދަން މަސައްކަތް ކުރެވިފައި ހުރިތޯ ނުވަތަ ނޫންތޯ ބަލާއިރު، އެކަށީގެންވާ މަސައްކަތްތަކެއް ކުރެވިފައި ނުވާ ކަމަށެވެ.

"ނަމަވެސް އަޅުގަނޑުމެން ކުރި މަސައްކަތުން އަދި ހޯދި ހޯދުމުން އެ މޯޓިވް އާއި އެކަން ކުރިބަޔަކު މިހާރު ވަނީ ހޯދިފައި. ކޮމިޝަންގެ މަސައްކަތުގެ ކުރި މަރާލާކަށް ބޭނުމެއް ނޫން. އެހެންވީމާ އަދި އެއީ ކޮން ބައެއްކަން ހާމަކުރަން ބޭނުން ނުވޭ. ރިޕޯޓް ނެރުމުގެ ކުރިން ވެސް އަޅުގަނޑުމެން ބޭނުންވޭ ފިޔަވަޅު އަޅާ އޭގެ ފަހަތުގައި ތިބި މީހުން އަދުލު އިންސާފުގެ ކުރިމައްޗަށް ގެނެވޭނެ ގޮތެއް ހޯދުން، އެއީ އަޅުގަނޑުމެން ކުރާނެ ކަމެއް" ސުއޫދު ވިދާޅުވިއެވެ.

ސުއޫދު ވިދާޅުވީ ފުލުހުންނާ ގުޅިގެން ކޮމިޝަނުން ޖިނާއީ ތަހުގީގު ހިންގަމުންދާ ކަމަށާއި ނަމަވެސް ތަހުގީގު ހިންގުމުގެ ގާނޫނީ ބާރުވެރިކަން ކޮމިޝަނަށް ނެތުމުން ތަހުގީގު ފުރިހަމަ ކުރުމަށް ހުރަސްތަކެއް ކުރިމަތިވެފައިވާ ކަމަށެވެ. އަދި މި މައްސަލަތަކުގައި ދައުވާ ކުރަން ޕްރޮސެކިއުޓާ ޖެނަރަލް (ޕީޖީ) އޮފީހަށް ފޮނުވެން ނެތް ކަމަށްވެސް ސުއޫދު ވިދާޅުވިއެވެ. ނަމަވެސް މަޖިލީހަށް ހުށަހަޅާފައިވާ ރިޔާސީ ކޮމިޝަންތަކަށް ބާރު ދިނުމުގެ ބިލު ފާސްވުމުން މި ހުރަސްތައް ނެތިގެންދާނެކަމަށް އޭނާ ވިދާޅުވިއެވެ.

"ޖިނާއީ އިޖުރާއަތުގެ ގާނޫނު ބުނާ ގޮތުން، ޖިނާއީ ތަހުގީގެއް ކުރެވޭނީ ތަހުގީގީ އިދާރާއެއް ކަމަށް ގާނޫނުން ކަނޑައަޅާ ފަރާތްތަކަށް. އެހެންކަމުން ޖިނާއީ އިޖުރާއަތުގެ ގާނޫނު ބުނާ، ޖިނާއީ ތަހުގީގު ކުރާ އިދާރާއަކަށް ފިޔަވައި، ޖިނާއީ ތަހުގީގު ފުރިހަމަ ކުރުމަށްފަހު ޕްރޮސެކިއުޓާ ޖެނަރަލްގެ އޮފީހަށްވެސް ނުވަތަ ކޯޓަށްވެސް ނުފޮނުވޭނެ. އެހެންވީމަ އެކަން ހުރަހަކަށް ވެގެން މިއުޅެނީ" ސުއޫދު ވިދާޅުވިއެވެ.

މަރު ކޮމިޝަންގެ މަސައްކަތްތައް މި މަހުގެ ނިޔަލަށް ކުރިން ނިންމަން އެކޮމިޝަނުން ނިންމި ނަމަވެސް، ކޮމިޝަނަށް ބާރުދިނުމަށް މަޖިލީހަށް ހުށަހެޅި ބިލު ފާސްނުވުމާއި ގުޅިގެން ކޮމިޝަންގެ މަސައްކަތް ވަނީ މަޑުޖެހިފައެވެ. ނަމަވެސް ކޮމިޝަނުން 25 މައްސަލައެއް ބޭރުގެ ތަޖުރިބާ ކާރުންގެ އެހީތެރިކަމާއެކު ތަހުގީގު ކުރިއަށް ގެންގޮސް މަައްސަލަތަކުގެ އަސްލު ދެނެގަނެވިފައިވާކަމަށް ކޮމިޝަނުން ބުނެއެވެ.