ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ބެންޗުގައި ތިއްބެވި ފަނޑިޔާރުންނަކީ އިތުބާރު ކުރެވޭ ފަނޑިޔާރުންތަކެއް ނޫންކަމަށާއި، އެ އެންމެން ވަކިކުރަން ޖެހޭ ކަމަށް ކުރީގެ ބަންޑާރަ ނައިބު ހުސްނުއްސުއޫދު ވިދާޅުވެއްޖެއެވެ.

ސުއޫދު ވިދާޅުވީ ފެނިފައި ހުރި މަންޒަރުތަކަށް ބަލާއިރު، އެކެއް ފެބްރުއަރީގައި ސުޕްރީމް ކޯޓުން ކުރި ހުކުމާ، އެ ހުކުމް ފަހެއް ފެބްރުއަރީގައި ބަދަލުކުރުމާ، މިކަންކަމަށް ބަލާއިރު، އެބޭފުޅުންގެ އިތުބާރު ވަރަށްބޮޑަށް ގެއްލިފައި ވާކަމަށެވެ. އަދި އެ ހުކުމްގައި ސޮއިކުރެއްވި ފަނޑިޔާރުން ޖެހިގެން އައި ދުވަހު، އެ ހުުކުމްގައި ސޮއިކުރެއްވީ ނުފޫޒެއްގެ ދަށުވެގެން ކަމަށް ވިދާޅުވުމުން، އެބޭފުޅުންގެ ގާބިލް ކަމާ މެދު ބަލާ ދިރާސާ ކުރައްވަން ޖެހިވަޑައިގަންނަވާ ކަމަށް ސުއޫދު ވިދާޅުވިއެވެ.

"އަޅުގަނޑު ގަބޫލުކުރާ ގޮތުގައި ޓަސްލާފައި އެއް ދުވަހުން ފަނޑިޔާރުން ވަކިކުރެވިގެން ނުވާނެ. އެކަން ކުރަން ޖެހޭނީ ހާމަކަން ބޮޑު އިޖުރާއަތެއްގެ ތެރެއިން ނުވަތަ ޕްރޮސެސްއެއްގެ ތެރެއިން ޖުޑީޝަލް ސާވިސް ކޮމިޝަނުން ކަނޑައެޅިފައިވާ ގާނޫނުތަކާއި ގަވާއިދުތަކާ އެއްގޮތް ވާގޮތުގެ މަތިން. ފުރުސަތު ދެވެން ވާނެ އެބޭފުޅުން ޖަވާބުދާރީވާން. އެބޭފުޅުން ގާބިލްތޯ ނުވަތަ ނޫންތޯ ވަޒަން ކުރުމަށްޓަކައި ޕްރޮސެސްއެއް ހިންގަން ޖެހޭނެ" ރާއްޖޭގެ ޖުޑީޝަރީ އިސްލާހު ކުރަން ޖެހޭކަމަށް ވަކާލާތު ކުރައްވާ ސުއޫދު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ކުއްލިއަކަށް ހުރިހާ ފަނޑިޔާރުން ވަކިކުރުމާ އޭނާ ދެކޮޅު ހައްދަވާ ކަމަށެވެ. ނަމަވެސް އެކަން ކުރަން ޖެހޭނީ ވަކި ޕްރޮސެސްއެއްގެ ތެރެއިން ވަރަށް ހާމަކަން ބޮޑުކަމާއެކު ހުޅުވާލެވިފައިވާ މޭރުމަކުން ކަމަށެވެ. އަދި މި ނޫންގޮތަކަށް ފަނޑިޔާރުން ވަކިކުރުމަށް އެއްބަސްވެ ވަޑައި ނުގަންނަވާނެކަމަށް ސުއޫދު ވިދާޅުވިއެވެ.

2014 ވަނަ އަހަރު ދެ ފަނޑިޔާރަކު ޖަވާބުދާރީވާން ފުރުސަތު ނުދެއްވާ ވަކިކުރިކަން ފާހަގަ ކުރައްވާ ސުއޫދު ވިދާޅުވީ އެފަދަ ކަމެއް ދެން ތަކުރާރުވިޔަ ދީގެން ނުވާނެ ކަމަށެވެ. އަދި ފަނޑިޔާރުންނާ ގުޅޭ ގޮތުން ރައްޔިތުން ދެކޭ ގޮތް ބެލުމަށް ޖުޑީޝަލް ސާވިސް ކޮމިޝަނުން ޝަކުވާ ހުށަހެޅުމަށް ހުޅުވާލަން ޖެހޭ ކަމަށާއި އެ ޝަކުވާތައް ބަލައި ތަހުގީގުކޮށް، އެއީ އޮށްޓަރެއް ހުރި ޝަކުވާއެއްތޯ ބަލަން ޖެހޭނެ ކަމަށް ވެސް ސުއޫދު ވިދާޅުވިއެވެ.

"ވަރަށް ވަރުގަދަ އެޕްރައިޒަލް ޕްރޮސެސްއެއް ހިންގަން ޖެހޭނެ. އަޅުގަނޑު ގަބޫލުކުރާ ގޮތުގައި މި އޮންނަ އެޕްރައިޒަލް ޕްރޮސެސް ގެންދަން ޖެހޭނީ ބޭރުގެ ޖަމާއަތެއްގެ ނުވަތަ ޔޫއެން ފަދަ ތަނެއްގެ ދަށުން. އަޅުގަނޑުމެން އަމިއްލަ އަމިއްލައަށް ސިޔާސީ ގޮތުން މިވެނި ފަނޑިޔާރަކު ބޭރުކޮށްލީއޭ ބުނުމުގެ ފުރުސަތު ދީގެން ނުވާނެ" ސުއޫދު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ މިހާރު މި އޮތް އެމްޑީޕީ ސަރުކާރު އައިސް ހުރިހާ ފަނޑިޔާރުންތައް ބޭރުކޮށްލީއޭ ބުނެ ތުހުމަތު ކުރުމުގެ ޖާގަ ދީގެން ނުވާނެ ކަމަށެވެ. އަދި އޭގެ ބަދަލުގައި އެކަން ކުރަންވާނީ ބޭރުގެ އެކްސްޕާޓުންގެ ބެލުމުގެ ދަށުން އޮބްޖެކްޓިވް ކްރައިޓީރިއާއެއް ކަނޑައެޅި ޝަކުވާތައް ގާނޫނާއި ގަވާއިދާ އެއްގޮތްވާ ގޮތުގެ މަތިން ބެލިގެން ކަމަށް ސުއޫދު ވިދާޅުވިއެވެ.

ފަނޑިޔާރުން ވަކިކުރުމަށް ފަހު އަލުން އައްޔަނު ކުރަން ޖެހޭނީ އާންމުކޮށް ހުޅުވާލައިގެން ކަން ސުއޫދު ފާހަގަކުރެއްވި އެވެ. އޭނާ ވިދާޅުވީ މިހާރު ފަނޑިޔާރުން އައްޔަން ކުރާ މިންގަނޑު ބަދަލުކުރަން ޖެހޭ ކަމަށާއި، އާންމުކޮށް ފަނޑިޔާރު ކަމަށް ކުރިމަތިލުމުގެ ފުރުސަތު ދޭން ޖެހޭނެކަމަށެވެ.