އަވަށްޓެރި ސްރީލަންކާގެ ސަރަހައްދުތަކުގައި ދިން ބޮމުގެ ހަމަލާތަކަށް ފަހު ރާއްޖޭގެ ބޯޑާ ސެކިއުރިޓީ އިމިގްރޭޝަނުން ވަރުގަދަ ކޮށްފިއެވެ.

އިމިގްރޭޝަނުގެ ކޮންޓްރޯލާ ޖެނެރަލް އަހްމަދު ހުސައިން މިއަދު އިމިގްރޭޝަން ކޮންޓްރޯލްގެ އޮފިސަރުންނާ ބައްދަލު ކުރައްވާފައި ވެއެވެ. އަދި މި ބައްދަލު ވުމުގައި ބޯޑާ ސެކިއުރިޓީ ވަރުގަދަ ކުރުމަށް ކުރަންޖެހޭ ކަންތައްތަކާ މެދު މަޝްވަރާ ކުރެވިފައި ވާކަމަށް އިމިގްރޭޝަނުން ބުނެއެވެ.

ލަންކާގައި ދިން ހަމަލާތަކަށް ފަހު ރާއްޖޭގެ އިންޓަނޭޝަނަލް އެއާޕޯޓު ތަކުގެ ސަލާމަތީ ފިޔަވަޅުތައް ވަރުގަދަކޮށްފައި ވާކަމަށް ސިފައިންނާ ފުލުހުންގެ ފަރާތުން ވެސް އިއްޔެ ބުނެފައި ވެއެވެ. އެގޮތުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓާއި، އައްޑޫ ސިޓީ ގަން އިންޓަނޭޝަންނަލް އެއާޕޯޓުގެ އިތުރުން ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓުގެ ސަލާމަތީ ކަންކަން ވަރުގަދަ ކޮށްފައި ވާކަން އެމްއެންޑީއެފް އިން އިއްޔެ ބުނެފައިވެއެވެ.

އަދި ހަމަލާތަކަށް ފަހު ކުރިއަށްވުރެ ބޮޑަށް ފުލުހުންނާއި ސިފައިން ގެންދަނީ މާލޭގެ ސަރަހައްދުތައް ބަލަހައްޓަމުންނެވެ.