ލަންކާގައި އިއްޔެ ދިން ބޮމުގެ ހަމަލާތަކާ ގުޅިގެން، އެ ގައުމުގައި ދިރިއުޅޭ ދިވެހިންގެ ހާލު ބެއްލެވުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ފޮނުއްވި މަންދޫބު ފޮރިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހްމަދު ހަލީލް ލަންކާގެ ބޮޑުވަޒީރު ރަނިލް ވިކްރަމަސިންހައާ މިއަދު ބައްދަލު ކުރައްވައިފި އެވެ.

މި ބައްދަލު ކުރެއްވުމުގައި ސްޓޭޓް މިނިސްޓަރު ހަލީލް ވަނީ ރައީސް ސޯލިހުގެ ފަރާތްޕުޅުން ވިކްރަމަ ސިންހާއަށް ތައުޒިޔާ ވިދާޅުވެފައެވެ. އަދި އިއްޔެގެ ޓެރަރިސްޓް ހަމަލާ ތަކާ ގުޅިގެން ރާއްޖެއިން އޮތީ ލަންކާގެ ރައްޔިތުންނާ އެކުގައި ކަމަށް ވެސް ހާމަ ކުރެއްވިއެވެ.

މީގެ އިތުރުން ލަންކާގެ ކުރީގެ ރައީސް މަހިންދަ ރާޖްޕަކްސާ ގެ އިތުރުން އެގައުމުގެ ފޮރިން ސެކްރެޓަރީ އާ ވެސް ހަލީލް މިއަދު ބައްދަލު ކުރެއްވިއެވެ.

ލަންކާގެ އެކި ސަރަހައްދު ތަކުގައި އިއްޔެ ބޮންގޮއްވއިގެން ދިން ހަމަލާތަކުގައި 290 އަށް ވުރެ ގިނަ މީހުން މަރުވެފައި ވެއެވެ. އެ ހަމަލާތަކާ ގުޅިގެން މިހާތަނަށް 24 މީހަކު ލަންކާ ފުލުހުން ހައްޔަރު ކޮށްފައި ވެއެވެ.