ސްރީލަންކާގެ މައުންޓް ލެވީނިއާގައި ދިވެހިންވެސް ދިރިއުޅެމުން ދިޔަ އިމާރާތެއް ބަލާ ފާސްކޮށްފިއެވެ.

އެތަނުގައި ދިރިއުޅޭ ދިވެހި އާއިލާއަކުން 'ދަ ޕްރެސް' އަށް މައުލުމާތު ދިން ގޮތުގައި އެ އިމާރާތް ބަލާ ފާސްކުރަން ދިޔައީ ކުލަ ހެދުމުގައި ތިބި ބައެކެވެ. އެމީހުން ގޮސް ވަރަށް ބާރަށް ދޮރުގައި ތެޅިކަމަށާ މުޅި އިމާރާތް އެއްކޮށް ބަލާ ފާސްކުރިކަމަށް އެމީހުން ބުނެއެވެ. އަދި ތަން ބަލާ ފާސްކުރަން ދިޔަ މީހުން އެ އިމާރާތުގެ ފްލޯ އަކުން އެއްޗެހިތަކެއް ގެންދިޔަ ކަމަށް ބެލެވޭ ކަމަށް އެ އާއިލާއިން ބުނެއެވެ. އަދި އެ ފްލޯގައި ދިރިއުޅެނީ ބޭރު ބައެއްކަމަށް އެމީހުން ބުނެއެވެ.

މީގެ އިތުރުން ލަންކާގައި ދިރިއުޅޭ ދިވެހި ބަޔަކު 'ދަ ޕްރެސް' އަށް ބުނި ގޮތުގައި ގިނަ އަދަދެއްގެ ދިވެހިން އެ ސަރަހައްދު ތަކެއްގައި ދިރިއުޅެމުންދާ ދެހިވަލަ، މައުންޓް ލެވީނިއާ، އަދި ވެއްލަވައްތަ ސަރަހައްދުގައި ބޮމުގެ ހަމަލާތައް ދިން މީހުން ފިލައިގެން އުޅޭ ކަމުގެ އަޑުތަކެއް ވަނީ ފެތުރިފަވެ. އަދި އެކަމުގެ ސަބަބުން އެސަރަހައްދުތަކުގައި ދިރިއުޅޭ ދިވެހިން ނުހަނު ބިރުން ތިބި ކަމަށް ވެސް މައުލޫމާތު ލިބެއެވެ.

ލަންކާގެ ފުލުހުން މިއަދު ގެތައް ބަލާ ފާސްކުރަން ދާނާނެކަން ލަންކާގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީ އިން ދިވެހި އާއިލާތަކަށް އަންގާފައި ވާކަމަށްވެސް ވަނީ މައުލޫމާތު ލިބިފައެވެ. އަދި ބަލާ ފާސް ކުރަން ދިޔުމުން އައިޑީ ބެލުމަށް ފަހު ނޫނީ ގެއަށް ނުވެއްދުމަށް ވެސް އެމްބަސީއިން އިލްތިމާސްކޮށްފައި ވާކަމަށްވެސް ބައެއް މީހުން ވަނީ ބުނެފައެވެ.

ލަންކާގައި އިއްޔެ ދިން ބޮމުގެ ހަމަލާ ތަކާ ގުޅިގެން ލަންކާގެ ސަލާމަތީ ބާރުތަކުން ނިކުމެ ކޮލަމްބޯގެ ގިނަ ސަރަހައްދުތައް ދަނީ ބަލާ ފާސް ކުރަމުންނެވެ. ހާއްސަކޮށް މައުންޓް ލެވީނިއާ ދެހިވަލަ ހިސާބުގަނޑުގެ ގެތައް ބަލާ ފާސް ކުރަމުންދާކަމަށް މައުލޫމާތު ލިބެއެވެ.