ސްރީލަންކާގައި އިއްޔެ ދިން ބޮމުގެ ހަމަލާތަކުގައި ދިވެހިންގެ ބައިވެރިވުން އޮތް ކަމަށް ބުނެ ދައްކާ ވާހަކަތަކުގައި ހަގީގަތެއް ނެތްކަން މިހާތަނަށް އެނގިފައިވާކަމަށް ނޭޝަނަލް ކައުންޓާ ޓެރަރިޒަމް ސެންޓަރު (އެންސީޓީސީ) އިން ބުނެފި އެވެ.

އެންސީޓީސީއިން މިއަދު ބުނީ އެ ހަމަލާތަކާ ރާއްޖެއާ ގުޅުމެއް ނެތްކަން ރާއްޖޭގެ އަދި ބޭރުގެ ފަރާތްތަކުން މިހާތަނަށް ކަށަވަރު ކޮށްދީފައި ވާކަމަށެވެ. މިކަމާ ގުޅިގެން މިއަދު އެންސީޓީސީން ކުރި ޓްވީޓުގައި ހަގީގަތް ނޭނގޭ މައުލޫމާތު ނުފެތުރުމަށް އިލްތިމާސް ކޮށްފައި ވެއެވެ. އަދި އެފަދަ މައުލޫމާތު ތައް ފެތުރުމުގައި ޒިންމާދާރު ވުމަށް ވެސް ގޮވާލާފައި ވެއެވެ.

އިއްޔެގެ ހަމަލާތަކުގައި 200 އަށް ވުރެ ގިނަ މީހުން މަރުވެފައި ވެއެވެ. އަދި 400 އަށްވުރެ ގިނަ މީހުންނަށް އެކި ވަރުގެ ޒަހަމްތައް ލިބިފައިވާކަމަށް މިހާތަނަށް މައުލޫމާތު ލިބިފައިވެއެވެ. އެ ހަމަލާތަކުގައި ލަންކާގައި ދިރިއުޅޭ ރާއްޖޭގެ އެއްވެސް ރައްޔިތަކަށް އަނިޔާއެއް ލިބިފައެއް ނުވެއެވެ.

ލަންކާގެ އެކި ތަންތަނުގައި އިއްޔެއިން ފެށިގެން ދެމުންދާ ބޮމުގެ ހަމަލާތަކާ ގުޅިގެން މިހާތަނަށް 24 މީހަކު ހައްޔަރު ކޮށްފައިވެ އެވެ. އެކަމަކު ހައްޔަރުކުރި މީހުންނާ ގުޅުންހުރި އެއްވެސް މައުލޫމާތެއް އެ ގައުމުން އަދި ހާމައެއް ނުކުރެ އެވެ.