"ވަގުތު" އޮންލައިން ނޫހާ ދެކޮޅަށް ރާއްޖޭގައި ބޮޑު ކެމްޕޭނެއް ފަށައިފިއެވެ.

އިއްޔެ އަވަށްޓެރި ސްރީލަންކާއަށް ދިން އުދުވާނީ ހަމަލާތަކާ ގުޅިގެން ރައްޔިތުން ހިތް ނުތަނަވަސް ވެފައި ވަނިކޮށް "ވަގުތު" ނޫހުން ލިޔުނު ހަބަރަކަށް އެތައް ބައެއްގެ ފާޑު ކިއުން ދަނީ އަމާޒުވަމުންނެވެ. ލަންކާ ބޮޑު ހިތާމައެއްގައި ވަނިކޮށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ކްރިކެޓް މެޗެއް ބައްލަވަން އިންޑިއާއަށް ފުރައިވަޑައިގަންނަވައިފި ކަމަށް ބުނެ ލިޔުނު މިހަބަރާއި ގުޅިގެން އާންމުން ބުނަނީ "ވަގުތު" ނޫހަކީ ފިތުނަ އުފައްދާ ބައެއް ކަމަށެވެ. އަދި މި ހަބަރު ލިޔުނު ނޫސްވެރިޔާއަށް ވެސް މީހުންގެ ފާޑުކިއުން ދަނީ އަމާޒުވަމުންނެވެ.

"ވަގުތު" ނޫހަށް އަމާޒުވަމުންދާ ފާޑު ކިއުންތަކަށް ރައްދު ދެމުން އެ ނޫހުން ބުނީ ނޫސްވެރިންގެ ޒިންމާއަކީ ވަރަށް ބޮޑު ޒިންމާއެއް ކަމަށާއި ފާރަވެރިވެ ސަރުކާރުން އެންމެ ކަމެއް ގޯސްކޮށް ކުރިއަސް އެކަން ހާމަ ކުރެއްވުމަށް އެދި ރައީސް ސޯލިހް ވިދާޅުވިކަމަށެވެ.

ބައެއް މީހުން "ވަގުތު" ނޫހަކީ ނޫސްވެރިކަން ކުރަން ދަންނަ ނޫހެއް ނޫންކަމަށް ބުނަމުން ދިޔަޔަސް މި ނޫހާއި އެއްކޮޅަށް ތެދުވާނެ މީހުންވެސް އެބަ ތިއްބެވެ. އެގޮތުން "އައި ސްޓޭންޑް ވިތް ވަގުތު" ގެ ނަމުގައި ވަގުތު ނޫހާއި އެއްކޮޅަށް ވެސް ކެމްޕޭނެއް ވަނީ ފަށާފައެވެ. މި ނޫހުން ބައެއް ފަހަރު އެންމެ ރަނގަޅު ނޫން ގޮތަށް ހަބަރު ފެތުރި ކަމަށް ވިއަސް މި ނޫސް މިހެން ބޯއިކޮޓް ކުރުމަކީ ނޫސްވެރިކަން މަރާލުން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ވިލިމާލެ ދާއިރާގެ މެންބަރު އަހްމަދު ނިހާން ވިދާޅުވިއެވެ.

ނިހާން ވިދާޅުވީ، މި ނޫސް ބްލޮކް ކުރަނީ އެމްޑީޕީން ބޭނުން ނުވާ ހަބަރުތައް ލިޔާތީ ކަމަށާއި މި ނޫހާއި އެއްކޮޅަށް އޭނާ ތެދުވެ ވަޑައިގަންނަވާނެކަމަށެވެ.

މި ނޫހާއި ދެކޮޅަށް ހިންގަމުންދާ މި ކެމްޕޭނުގައި އެތައް ބަޔަކު ދަނީ ޓްވިޓާއިން މި ނޫސް ބްލޮކް ކުރަމުންނެވެ. އެގޮތުން ނޫސް ބްލޮކް ކުރީ ފަރާތްތަކުގެ ތެރެއިން މައްޗަންގޯޅި ދެކުނު ދާއިރާގެ އިންތިހާބީ މެންބަރު ހައިތަމް އަހްމަދު ފާހަގަ ކޮށްލެވެއެވެ.

އަދި ގައުމީ ސަލާމަތަށް ނުރައްކާވާފަދަ ވާހަކަ ފެތުރުން އަދި ފިތުނަ އުފެއްދުމަކީ މިނިވަން ނޫސްވެރިކަން ނޫންކަމަށް ބުނެ މިނިސްޓާ އޮފް ޔޫތް އެންޑް ސްޕޯޓްސް އަހްމަދު މަހްލޫފް ވެސް ވަނީ ވަގުތު ނޫސް ބްލޮކް ކޮށްފައެވެ.

މީގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެންބަރު އިބްރާހިމް އިސްމާއިލް (އިބްރާ) ވަނީ މި ނޫހުގެ ސްޕޮންސަރުންނަށް އަމާޒުކޮށް އެ ނޫހަސް ސްޕޮންސާ ދެނީ ކީއްވެތޯ ސުވާލު އުފައްދާފައެވެ.

މީގެ އިތުރުން އެންމެ ދުވަހަކުން ވަގުތުގެ ޓްވިޓާ އެކައުންޓުން 1000 އަށް ވުރެ ގިނަ ފޮލޯވާސް ވަނީ މަދުވެފައެވެ. ނަމަވެސް ވަގުތު ނޫހުގެ ޓީމަކީ ފަހަތަށް ޖެހޭނެ ޓީމެއް ނޫންކަމަށް އެ ޓީމުން ދަނީ ބުނަމުންނެވެ.