މި ފެށޭ ރަމަޟާން މަހު ސުކޫލު ތަކުގެ ދަންފަޅިތައް ކުރިއަށް ގެންދާނެ ގޮތް އެޑިއުކޭޝަން މިނިސްޓްރީއިން އިއުލާނު ކޮށްފިއެވެ.

އެޑިއުކޭޝަން މިނިސްޓްރީން މިއަދު ނެރުނު އިއުލާނުގައި ވާގޮތުން، މިއަހަރުގެ ރޯދަމަހުގައި އެއްދަންފަޅިއަށް ކިޔަވައިދޭ ސުކޫލުތަކުގެ ކިޔެވުން ހެނދުނު 8:30 އާއި 9:30 އާ ދެމެދުގެ ވަގުތެއްގައި ފަށަން ޖެހެއެވެ. އަދި ދެ ދަންފަޅިއަށް ކިޔަވައިދޭ ސުކޫލުތަކުގެ ކިޔެވުން ކުރިއަށް ގެންދެވޭނީ ހެނދުނު 8:30 ން ފެށިގެން 15:00 އާ ދެމެދުގެ ވަގުތެއްގައި ކަމަށް އެ މިނިސްޓްރީގެ އިއުލާނުގައި ވެއެވެ.

އެޑިއުކޭޝަން މިނިސްޓްރީން ރޯދަމަހުގެ ދަންފަޅިތަކުގެ ދިގުމިން ހަމަޖައްސާފައިވާ ގޮތަށް ބަލާއިރު، އެލްކޭޖީ އަދި ޔޫކޭޖީގެ ކުދިންނަށް ކިޔަވައިދެވޭނީ ދުވާލަކު ދޮޅުގަޑިއިރެވެ. އަދި ގްރޭޑް ހަޔަކުން ދަށުގެ ގްރޭޑްތަކަށް ކިޔަވައިދެވޭނީ ދެ ގަޑިއިރާއި 30 މިނެޓެވެ. ގްރޭޑް ހަތަކުން މަތީގެ ގްރޭޑްތަކަށް ކިޔަވައިދެވޭ ދަންފަޅީގެ ދިގުމިނަކީ ތިން ގަޑިއިރެވެ.

ރޯދަމަހު ސުކޫލުތަކުގެ ޓައިމްޓޭބަލް އެކުަވާލާއިރު މަދުވެގެން ދެ ހަފްތާ ތެރޭ ހުރިހާ މާއްދާއެއް ނަގައިދެވޭނޭހެން ޓައިމްޓޭބަލު ހަމަޖެއްސުމަށް އެޑިއުކޭޝަނުން ސުކޫލުތަކަށް އަންގާފައި ވެއެވެ.

އެލްކޭޖީއިން ފެށިގެން ގްރޭޑް ހަޔަކާ ދެމެދުގެ ކުދިންނަށް މޭ މަހުގެ 19 ވަނަ ދުވަހުން ފެށިގެން ކިޔެވުން ބަންދުވާނެ ކަމަށް ވެސް އެ މިނިސްޓްރީގެ އިއުލާނުގައި ވެއެވެ. އެކަމަކު ގްރޭޑް ހަތަކުން ފެށިގެން މަތީ ގްރޭޑް ތަކަށް އެކަޑަމިކް ކަލަންޑަރާ އެއްގޮތަށް ކިޔަވައިދެވޭނެ ކަމަށް އެޑިއުކޭޝަނުން ބުނެއެވެ.

މިއަހަރުގެ ރޯދަމަހުގެ ދަންފަޅިތަށް ރޭވުމުގައި ޓީޗަރުންނަށް ޖުމްލަ 4 ގަޑިއިރަށްވުރެ ދިގުކޮށް މަސައްކަތް ކުރަން ނުޖެހޭ ގޮތަކަށް ވަގުތުތައް ހަމަޖެއްސުމަށް އެޑިއުކޭޝަނުން އަންގާފައި ވެއެވެ. އަދި ވަގުތު ފާއިތު ނުވަނީސް ދަރިވަރުންނާ ޓީޗަރުންނާއި ސުކޫލުގެ އެހެނިހެން މުވައްޒަފުންނަށް ނަމާދު ކުރެވޭނެ ގޮތް ފަހިކޮށްދިނުމަށް އެމިނިސްޓްރީން އަންގާފައި ވެއެވެ.

ރޯދަމަހު ދަރިވަރުންނަށްް ދީނީ މައުލޫމާތު ދިނުމުގެ ގޮތުން ދަރިވަރުންނަށް ބައިވެރިވެވޭނެހެން ދީނީ ހަރަކާތެއް ާވާ ހިންގުމަށް އެޑިއުކޭޝަނުން އެދިފައިވެއެވެ. އަދި ރޭގަނޑުގެ ވަގުތުތަކުގައި ސުކޫލުތަކުގައި ހިންގާ ޕްރޮގްރާމްތައް ހިންގާއިރު ތަރާވީހް ނަމާދުގެ ވަގުތާ ފުށޫ ނާރާނެހެން ރޭވުމަށާއި މަޣުރިބު ނަމާދާއި އިޝާ ނަމާދާއި ދޭތެރޭގައި ސުކޫލުގެ އެއްވެސް ހަރަކާތެއް ނުބޭއްވުމަށް ސުކޫލް ތަކަށް އަންގާފައި ވެއެވެ.