އަވަށްޓެރި ސްރީލަންކާގެ އެކި ސަރަހައްދުތަކުގައި މިއަދު ދިން ބޮމުގެ ހަމަލާތަކަށް ފަހު، ރާއްޖޭގެ ސަލާމަތީ ކަންތައްތައް އިތުރަށް ވަރުގަދަ ކޮށްފިއެވެ.

އެ ހަމަލާތަކާ ގުޅިގެން ދިވެހި ފުލުހުންނާއި ސިފައިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުުމުގައި އެފަރާތުން ބުނީ، ރާއްޖޭގެ އިންޓަނޭޝަނަލް އެއާޕޯޓު ތަކުގެ ސަލާމަތީ ފިޔަވަޅުތައް ވަރުގަދަކޮށްފައި ވާކަމަށެވެ. އެގޮތުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓާއި، އައްޑޫ ސިޓީ ގަން އިންޓަނޭޝަންނަލް އެއާޕޯޓުގެ އިތުރުން ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓުގެ ސަލާމަތީ ކަންކަން ވަރުގަދަކޮށްފައިވާނޭ ކަމަށް އެމްއެންޑީއެފް އިން ފާހަގަކޮށްފައިވެއެވެ.

މީގެ އިތުރުން މިއަދު ލަންކާގައި ދިން ބޮމުގެ ހަމަލާތަކަށް ފަހު ފުލުހުންނާއި ސިފައިން ގުޅިގެން ކުރިއަށްވުރެ އިތުރަށް މާލޭގެ ސަރަހައްދުތައް ބަލަހައްޓަމުން ގެންދާނެކަމަށް މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި އަންގާފައި ވެއެވެ.

ފުލުހުންގެ ފަރާތުން މައުލޫމާތު ދެއްވަމުން ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު ވިދާޅުވީ ރާއްޖެއަށް އެއްވެސް ނުރައްކަލެއް އޮތްކަމަށް މިވަގުތަށް ނެތް ކަމަށެވެ.

ލަންކާގެ ޖުމްލަ 10 ސަރަހައްދެއްގައި މިއަދު ބޮމުގެ ހަމަލާ ދީފައިވެއެވެ. އެ ގޮތުން 3 ޗާޗަކާއި 4 ހޮޓެލެއްގެ އިތުރުން ޑެމަޓަގޮޑާގެ މަހަވިލާ ހައުސިން ކޮމްޕްލެކްސްގައި ވެސް ހަމަލާ ދީފައި ވެއެވެ. މިހަމަލާ ތަކުގައި އެއްވެސް ދިވެއްސަކަށް އަނިޔާވެފައެއް ނުވެއެވެ.

ލަންކާގައި މިއަދު ދިން ހަމަލާތަކުގައި މިހާތަނަށް 215 މީހުންވަނީ މަރުވެފައެވެ. އަދި 469 އަށް ވުރެ ގިނަ މީހުންނަށް އަނިޔާވެފައިވެއެެވެ. މި ހަމަލާތަކާ ގުޅިގެން 7 މީހަކު މިހާރު ހައްޔަރުކޮށްފައިވާކަމަށް ލަންކާގެ ޑިފެންސް މިނިސްޓްރީން އިން ހާމަކޮށްފައި ވެއެވެ.