ޕީޕީއެމް ގެ ކުރީގެ ޕީޖީ ގްރޫޕުގެ ލީޑަރު އަދި ވިލިމާލޭ ދާއިރާގެ މެންބަރު އަހްމަދު ނިހާން އެ ޕާޓީ ދޫކުރައްވާ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) އާ ގުޅިވަޑައިގެންފިއެވެ.

ޕީޕީއެމްގެ ޕީޖީ ގްރޫޕްގެ ލީޑަރު ކަމުން ނިހާން އިސްތިއުފާ ދެއްވީ ދާދިފަހުންނެވެ. އިސްތިއުފާ ދެއްވުމަށްފަހު ނިހާން ވިދާޅުވީ ނިމިދިޔަ އިންތިހާބުތަކުގައި ޕީޕީއެމް އަށް ލިބުނު ބޮޑު ނާކާމިޔާބީގެ ޒިންމާ ލީޑާޝިޕުން އުފުލަން ޖެހޭ ކަމަށެވެ. އަދި ޕީޕީއެމް އަލުން ރިފޯމް ކުރަންޖެހޭ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ނިހާން ޕީޕީއެމުން ވަކިވެ ޕީއެންސީއަށް ގުޅިވަޑައިގެންފައި މިވަނީ، ޕީޕއެމްގެ ނައިބު ރައީސުންގެ މަގާމަށް އާ ބޭފުޅުން ތަކެއް ހަމަޖައްސަވާފައި ވަނިކޮށެވެ. އެ ޕާޓީގެ ނައިބު ރައީސުންގެ މަގާމަށް އަލަށް އައްޔަނު ކޮށްފައިވަނީ ކުރީގެ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒާއި، ކުރީގެ ރައީސް މައުމޫންގެ އަބްދުލްގައްޔޫމްގެ ހަގު ދަރިކަލުން ޣައްސާން މައުމޫން ގެ އިތުރުން ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމް އެވެ

ޕީޕީއެމްގެ އާ ލީޑަޝިޕަށް ޣައްސާން ގެންނަން ފެނިވަޑައިނުގަންނަވާ ކަމަށް ނިހާން މީގެ ކުރިންވަނީ ވިދާޅުވެފައެވެ.

ނިހާން މިއަދު ޕީއެންސީ އާ ގުޅި ވަޑައިގެންފައިވާ އިރު، އެ ޕާޓީ އަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީން ގެ އެދިވަޑައިގެންނެވުމަކަށް އުފައްދާފައިވާ ޕާޓީ އެކެވެ. އެ ޕާޓީގެ ވަގުތީ ރައީސް އަކަށް ހުންނަވަނީ ފޮނަދޫ ދާއިރާގެ މެންބަރު އަބްދުއްރަހީމް އަބްދުﷲ އެވެ.