އެޑިއުކޭޝަން މިނިސްޓްރީގެ ކުރީގެ ޕާމަނެންޓް ސެކްރެޓަރީގެ މަގާމުގައި ހުންނެވި މުހައްމަދު ސައީދު ވަކިކުރުމުން ކޯޓަށް ވަޑައިގަތުމަށް ނިންމަވައިފިއެވެ. މިއަހަރުގެ ޖެނުއަރީމަހުގެ ފަހުކޮޅުން ފެށިގެން ސަސްޕެންޑް ކޮށްފައި ހުރުމަށް ފަހު އޭނާ ވަޒީފާއިން ވަކިކޮށްފައިވަނީ މިދިޔަ ހަފްތާގެ ތެރޭގައެވެ.

ސައީދު ވަޒީފާއިން ވަކިކޮށްފައިވަނީ، ތައުލީމީ ދާއިރާގެ މުވައްޒަފަކަށް ވެހުރެ ރަސްމީގަޑީގައި މުލިޔާގެއަށްގޮސް ރިޔާސީ އިންތިހާބުގެ ހަރަކާތްތަކުގައި ބައިވެރިވުމުގެ ތުހުމަތާއި، ތައުލީމީ ދާއިރާގެ މުވައްޒަފެއްގެ ފަރާތުން ތައުލީމީ ދާއިރާގައި މަސަތްކަތް ކުރަމުން އަންނަ މުވައްޒަފުންގެ މައުލޫމާތު ހުއްދައެއް ނެތި މުލިޔާގެއަށް ހިއްސާކުރިކަމުގެ ތުހުމަތާއި، ތައުލީމީ ދާއިރާގައި މަސަތްކަތްކުރާ ދެ މުވައްޒަފުން ފަޒީފާއިން ވަކިކުރުމުގައި ހުށައަޅައިފައިވާ ލިޔުންތައް ސައްހަތޯ ބަލާފައި ނުވާކަމުގެ މައްސަލައިގައެވެ.

ނަމަވެސް ސއީދު ވިދާޅުވެފައި ވަނީ މިއިން އެއްވެސް ކަމެއް ކޮށްފައި ނުވާނޭ ކަމަށާ، އެފަދަ އެއްވެސް ކަމެއް ކޮށްފައިވާކަމު ސާބިތު ހެކި ސީއެސްސީ އަށް ދެއްކިފައި ނުވާކަމަށެވެ.

"ތަހުގީގު މަރުހަލާގައި އަޅުގަނޑު ބަޔާންކުރި އެއްވެސް ކަމަކަށް ރިއާޔަތް ކުރުމެއްނެތި، އަޅުގަނޑު ވަޒީފާއިން ވަކިކޮށްފައިވަނީ ގާނޫނީ އިޖުރާއަތުތަކާ އަދުލު އިންސާފުގެ އަސާސީ ހަމަތަކާ އެއްގޮތަށް ކަމަށް ނުފެންނާތީ، އެމައްސަލަ ޝަރުއީ ކޯޓަށް ހުށައަޅައިގެން އިންސާފު ހޯދުމަށް އަޅުގަނޑު ގަސްދުކުރަން" މިކަމާ ގުޅޭގޮތުން ސައީދު ނެރުއްވެވި ބަޔާނުގައިވެއެވެ.

ސައީދަކީ 1989 ވަނަ އަހަރުން ފެށިގެން ދައުލަތަށް ހިދުމަތް ކުރަށްވަމުން އަންނަ ބޭފުޅެކެވެ.