ސްރީލަންކާގެ އެކި ހިސާބުތަކުގައި މިއަދު ދިން ބޮމުގެ ހަމަލާތައް ކުށްވެރި ކުރާކަމަށް ސްރީލަންކާ މުސްލިމު ކައުންސިލުން ބުނެފިއެވެ.

ސްރީލަންކާ މުސްލިމު ކައުންސިލުން އާންމުކުރި ބަޔާނެއްގައި ބުނެފައިވަނީ، ނަސޯރާ ދީނުގެ އަޚުންނާ އުޚުތުން އަޅުކަން ކުރަމުންދިޔަ ތަންތަނަށާ ހޮޓާތަކަށް އަމާޒުކޮށް ދިން ހަމަލާ ކުށްވެރި ކުރާ ކަމަށާ، ދީނީ އަދި ނަސްލީ ބައިބައިވުން އުފައްދަން މަސައްކަތްކުރާ ބަޔަކު ދިން މި ހަމަލާތަކުގެ ސަބަބުން އެ ކައުންސިލުން ހިތާމަ ކުރާ ކަމަށެވެ.

ސުލްހަޔާ އަދުލު އިންސާފަކީ ހުރިހާ ދީނަކުންވެސް ގަބޫލުކުރާ އަސާސީ ގަބޫލުކުރުމެއް ކަމަށާ، ހުރިހާ ގޮތަކުން ދެވޭ ހައްދުފަހަނައަޅާފައިވާ އަނިޔާވެރި އަމަލުތައް އެ ކައުންސުލުން ކުށްވެރި ކުރާ ކަމަށްވެސް ސްރީލަންކާ މުސްލިމް ކައުންސިލުން ނެރުނު ބަޔާނުގައި ވަނީ ފާހަގަކޮށްފައެވެ.

މިއަދުގެ ހަމަލާތަކުގެ ފަހަތުގައިތިބި ފަރާތްތައް އިންސާފުގެ ކުރިމައްޗަށް ޖެނެސް، ހައްގު އަދަބު ދިނުމަށްވެސް ސްރީލަންކާގެ މުސްލިމު ކައުންސިލުން ނެރެނު ބަޔާނުގައި އެގައުމުގެ ރައީސް މައިތްރިޕާލަ ސިރިސޭނާއަށް ވަނީ ގޮވާލާފައެވެ.

ސްރީލަންކާގައި މިއަދު ދިން ބޮމުގެ ހަމަލާތަކުގެ އަދަދު 8 އަށް އަރާފައިވާއިރު، މުސްލިމުންނާ ހަސަދަވެރިކަން އުފެއްދުމަށް ބައިނަލްއަގުވާމީ ޚަބަރު ފަތުރާ ބައެއް މީޑިއާތަކުންވެސް ދަނީ މަސައްކަތްކުރަމުންނެވެ.