ހަދަމުން އަންނަ މިސްކިތެއްގެ ދެވަނަ ބުރިން ވެއްޓި އެސްޓީއޯގެ އިންފޮމޭޝަން ޓެކްނޮލޮޖީ (އައިޓީ) ޑިޕާޓްމެންޓްގެ ހެޑްގެ ހާލު ސީރިއަސްވެ އޭޑީކޭ ހޮސްޕިޓަލުގެ އައިސީޔޫގައިގައި ދަނީ ފަރުވާދެމުންނެވެ.

އެސްޓީއޯގެ އައިޓީ ހެޑް ކަމަށް ވާ 41 އަހަރުގެ މުސްތަފާ އަޒްމީ ވެއްޓުނީ ރޯދަމަހަށް މިސްކިތް ނިންމަން އެންމެ ފަހުގެ މަސައްކަތް ކުރަމުން އަންނަ މުހައްމަދު ޖަމީލް މިސްކިތުން ކަމަށް މައުލޫމާތުލިބެއެވެ. އަޒްމީގެ އާއިލާއިން މައުލޫމާތުދޭ ގޮތުގައި އަޒްމީގެ ބޮލަށާއި ފުއްޕާމެއަށް ބޮޑެތި ގެއްލުންތައް ލިބިފައިވެއެވެ.

މި ހާދިސާއަކީ ހިތާމަވެރި ހާދިސާއެއް ކަމަށް ބުނެ، އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ހުސެއިން އަމްރު ވަނީ ޓްވީޓެއް ކުރައްވާފައެވެ. އަމްރުގެ ޓްވީޓްގައި އޭނާވަނީ އަޒްމީ އަށް އަވަސް ޝިފާއަކަށް އެދި ދުއާ ކޮށްދިނުމަށް އެދިވަޑައިގެންފައެވެ.

އަޒްމީ އެސްޓީއޯގައި މަސައްކަތް ކުރާތާ މިހާރު 25 އަހަރުވެއްޖެއެވެ. އައިޓީގެ މަސައްކަތް ކުރުމުގެ އިތުރުން އަޒްމީ އަކީ ލަކުޑިން ތަފާތު އެއްޗެހި އުފައްދަމުން އަންނަ ހުނަރުވެރި އަތްތެރި މަސައްކަަތްތެރިއެވެ.

މުހައްމަދު ޖަމީލު މިސްކިތަކީ އަމިއްލަ ފަރާތަކުން އިމާރާތްކުރަމުން އަންނަ ހަތަރު ބުރީގެ މިސްކިތެކެވެ. މި މިސްކިތަށް ދެވިފައިވާ އާންމު ނަމަކީ ފައިފޮހޭ މިސްކިތެވެ.