މާލެ ސިޓީ ކައުންސިލާ ސްޓެލްކޯ ގުޅިގެން ސްޓެލްކޯގެ ޑިސްޓްރިބިއުޝަން ބޮކްސްތައް ސާފުކުރަން ފަށައިފިއެވެ. އެގޮތުން ސްޓެލްކޯއިން ވަނީ ޑިސްޓްރިބިއުޝަން ބޮކްސް މަތީގައި ބަހައްޓަފައި ހުރި ކުނިތައް ނެގުމުގެ އިތުރުން ޑިސްޓްރިބިއުޝަން ބޮކްސްތަކުގައި ތަތްކޮށްފައި ހުރި ޕޯސްޓަރުތައް ނައްޓާފައެވެ. މި ހަރަކާތަ ފަށާފައިވަނީ މިއަދު ހެނދުނު 8 ޖެހި އިރުއެވެ. މި ހަރަކާތުގައި ޖެންޑަރ މިނިސްޓަރ ޝިދާރާ ޝަރީފްގެ އިތުރުން، މާލެ ސިޓީ ކައުންސިލްގެ މޭޔަރ ޝިފާ މުހައްމަދުވެސް ވަނީ ބައިވެރިވެފައެވެ.

ސްޓެލްކޯގެ ޑިސްޓްރިބިއުޝަން ފޮށިތައް ސާފް ކުރުމުގެ ތެރެއިން މޭޔަރ ޝިފާ އަދި މިނިސްޓަރ ޝިދާތާ ހަރަކާތްތެރިވަނީ / ފޮޓޯ: ޓްވިޓާ


މި ހަރަކާތަކީ ޑިސްޓްރިބިއުޝަން ފޮށިތަކަކީ ރައްކާތެރި އަދި ސާފުތާހިރު އެއްޗަކަށް ހެދުމުގެ މަގްސަދުގައި ކުރިޔަށް ގެންދާ ހަރަކާތެއް ކަމަށް ސްޓެލްކޯއިން ބުނެއެެވެ. މިއީ މާލެ ސާފު ކުރުމުގެ ޕްރޮގްރާމްގެ ދަށުން ސިޓީ ކައުންސިލާ ގުޅިގެން ކުރިޔަށް ގެންދާ ހަރަކާތެއް ކަމަށް ސްޓެލްކޯއިން ބުނެއެވެ.
ސްޓެލްކޯއިން ބުނީ މި ހަރަކާތުގެ ދަށުން މާލޭގެ ހުރިހާ ޑިސްޓްރިބިއުޝަން ފޮށިތަކެއް ސާފު ކުރަން ހަމަޖެހިފައި ވާ ކަމަށާ، މިހާތަނަށް ގިނަ އަދަދެއްގެ ފޮށި ސާފުކުރެވިފައި ވާކަމަށެވެ.

ކުރިޔަށް އޮތްތަނުގައި ޑިސްޓްރިބިއުޝަން ފޮށިތަކުގައި މިފަދަ ޕޯސްޓަރު ނުހިއްޕުމަށް ނޯޓިސް ނެރޭނެ ކަމަށް ސްޓެލްކޯއިން ބުނެއެވެ. ސްޓެލްކޯގެ ޑިސްޓްރިބިއުޝަން ފޮށިތައް މަތީގައި ކުނި ބެހެއްޓުމާއި ކެމްޕޭން ޕޯސްޓަރު ފަދަ ތަކެތި ތަތްކުރުން ވަނީ އާންމު ކަމަކަށް ވެފައެވެ.