ބަލިހާލަތު ހުރި ގޮތުން ވީސާ ހަމަޖައްސާ ދެވެން ނެތް ކަމަށް ބުނެ، އުމުރުން އެންމެ 2 އަހަރުގެ ދިވެހި ކުއްޖަކު އޮސްޓްރޭލިއާއިން ޑީޕޯޓްކުރުމަށް އެގައުމުގެ ކަމާ ބެހޭ ފަރާތްތަކުން މަސައްކަތް ކުރަމުން އަންނަ ކަމަށް ޚަބަރު ލިބިއްޖެއެވެ.

ސެއިންޓް ޖޯން އޮފް ގޯޑް ބާންބްރީ ހޮސްޕިޓަލަށް އުފަންވި ކައިބާން ޖަމްޝާދްއަކީ ހެމަފީލިއާގެ ތަކުލީފުތައް އުފުއްލަންޖެހިފައިވާ ކުއްޖެކެވެ. މީގެ އިތުރުން އުފަންވުމުގެ ތެރޭގައި ކައިބާންގެ ސިކުނޑިއަށްވެސް ވަނީ އަނިޔާތަކެއް ލިބިފައެވެ. ހެމަފީލިއާއަކީ ލޭ މަނާ ކުރަން އިންތިހާއަށް އުނދަގޫތަކެއް ކުރިމަތިކުރުވާ ބައްޔެކެވެ.

ކުރިމަތިވެދާނެ ސިއްހީ ނުރައްކާތަކުން ސަލާމަތްކުރުމަށްޓަކައި ކައިބާންއަށް އަބަދާ އަބަދު ސިއްހީ އަޅާލުން ބޭނުންވެއެވެ. ސިކުނޑިއަށް ލިބުނު އަނިޔާގެ ނަތީޖާއެއްގެ ގޮތުން ލޮލުގެ ފެނުން ގެއްލުމާ، ފިޓު ޖެހުމާ، ހެދިބޮޑުވުމަށް ހުރަސްތަކެއް ކުރިމަތިވުންތައް ނުރައްކާތެރި ސިއްހީ އެތައް މައްސަލައަކާ ކައިބާންއަށް ކުރިމަތިލާންޖެހުމުގެ ފުރުސަތު އިންތިހާއަށް ބޮޑެވެ.

އޮސްޓްރޭލިއާގެ ބާންބްރީގައި މަސައްކަތްކުރަމުން އަންނަ ޢާއިޝަތު ޝިޒްލީން އޭނާގެ ދަރިފުޅު ކައިބާން ޖަމްޝާދު އުރާލައިގެން/ފޮޓޯ: އާއިލާ

ސިއްހީ ތަޖުރިބާކާރުން ބުނާ ގޮތުގައި ކައިބާންއަށް ބޭނުންވާ ސިއްހީ ފަރުވާއަކީ މިވަގުތު ދިވެހިރާއްޖެއިން ލިބެން ހުރި ފަރުވާތަކެއް ނޫނެވެ. އަދި ރާއްޖޭގައި ދިރިއުޅެންޖެހުމަކީ ކައިބާންގެ ފުރާނައަށް އިންތިހާއަށް ނުރައްކާވާނެ ކަމެއް ކަމަށްވެސް ސިއްހީ ތަޖުރިބާކާރުން ވަނީ ބުނެފައެވެ.

"މިކަމުގައި އޮތް ތަފާތަކީ ކައިބާން ދިރިހުރުމާ މަރުވުމުގައި އޮތް ތަފާތު. މިއީ ދުލުހުން ބަޔާންކޮށްދޭން ފަސޭހަ ކަމެއް ނޫން"، ބޭރުގެ މީޑިއާއަކާ ވާހަކަ ދައްކަމުން ކައިބާންގެ މަންމަ، އާއިޝަތު ޝިޒްލީން ކިއާދިނެވެ.

އެކަށީގެންވާ ފެންވަރެއްގައި ސިއްހީ ފަރުވާ ނުދެވިއްޖެނަމަ ކައިބާންގެ ފުރާނައަށް ނުރައްކާވެދާނެ ކަމަށް ބުނެ، ކައިބާންގެ ރީބެހިލިޓޭޝަން ފިޒީޝަން ވަނީ އޮސްޓްރޭލިއާގެ ދާހިލީ ވުޒާރާއަށް ސިޓީއެއްވެސް ފޮނުވާފައެވެ. އެ ސިޓީގައިވާ ގޮތުން އެކަށީގެންވާ ދާއިމީ ފަރުވާ ނުދެވިއްޖެނަމަ މަސްތަކާ ހުޅުތައް ކުރުވެ، މައިބަދަ ލެނބި، އޮސްޓިއޮޕޮރޯސިސްގެ އުނދަގޫތައް ކުރިމަތިވެ، އުނަގަނޑު ނެއްޓުމާ، ހަށިގަނޑަށް ބޭނުންވާ މުހިންމު މާއްދަތައް ނުލިބި، ނޭވާލާ ނިޒާމު ފެއިލްވެ، ޅަ އުމުރުގައި މަރުވުމުގެ ނުރައްކާ ކައިބާންއަށް އެބައޮތެވެ.

މިފަދަ ހާލެއްގައި ކައިބާން އޮތް އިރުވެސް އޭނާއަށް ވީސާ ދިނުމަށް އޮސްޓްރޭލިއާގެ ކަމާ ބެހޭ ފަރާތްތަކުން ދަނީ ދެކޮޅު ހަދަމުންނެވެ.

އޮސްޓްރޭލިއާގެ އިމިގްރޭޝަން ގާނޫނު ބުނާ ގޮތުގައި، ސިއްހީ އެއްވެސް މައްސަލައެއްގެ ސަބަބުން ބޮޑު ޚަރަދުތަކެއް ކުރަންޖެހޭ ފަރާތްތަކުން އެގައުމުން ވީސާ ދޫނުކޮށް ހިފެހެއްޓުމުގެ ހުއްދަ ކަމާ ބެހޭ ފަރާތްތަކަށް އޮވެއެވެ.

ޝިޒްލީންއަކީ ބާންބްރީގައި ޓެމްޕަރަރީ ޝޯޓޭޖް ސްކިލްޑް ވީސާގެ ދަށުން އިޖުތިމާއީ ދާއިރާގައި މަސައްކަތްކުރަމުންދާ ޒުވާނެކެވެ. އޭނާގެ ފިރިމީހާގެ އިތުރުން އަންހެން ދަރިފުޅަކާ ފިރިހެން ދަރިފުޅެއް ޖައްސާފައިވަނީ ސަޕޯޓް ވީސާގައެވެ.

އޮސްޓްރޭލިއާގެ ދާހިލީ ވުޒާރާއިން އަންދާޒާ ކުރާ ގޮތުގައި ކައިބާންގެ ސިއްހީ ޚަރަދުތަކަށް އަހަރަކު 59000 ޑޮލަރަ ޚަރަދުވާނެއެވެ. އަދި އޭނާގެ އާއިލާއަކީ އެފަދަ ޚަރަދެއް ކުރެވޭނެ ވަރުގެ ތަނަވަސް އާއިލާއެއް ކަމަށް ނުފެންނަ ކަމަށް ވަނީ ކަނޑައަޅާފައެވެ. ނަމަވެސް މިހާތަނާ ޖެހެންދެންވެސް ކައިބާންއަށް ފަރުވާ ކުރުމުގައި އިޖުތިމާއީ އެއްވެސް ފަންޑެއްގެ އެހީ ހޯދާފައެއް ނުވެއެވެ.

ކައިބާންގެ ވީސާ މައްސަލަ މިހާރު އޮތީ އޮސްޓްރޭލިއާގެ އެޑްމިނިސްޓްރޭޓިވް އެޕީލްސް ޓްރިބިއުނަލްގައެވެ. މި މަރުހަލާގައި އެތައް މަހެއްވެސް ހޭދަވެގެން ދިއުމުގެ ފުރުސަތު އެބައޮތެވެ.

މިކަމާ ގުޅިގެން ގިނަ ބައެއްގެ ފާޑުކިއުންތައްވަނީ އޮސްޓްރޭލިއާއަށް އަމާޒުވެފައެވެ. އެގޮތުން ވީސާ ދޫކުރުމުގައި އިންސާނިއްޔަތު ކަމަށް ބެލުމެއް ނެތި ޚަރަދަށް ބަލާކަން ފާހަގަކޮށް ގިނަ ބަޔަކު ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.

ކައިބާން ޖަމްޝާދު އުފަންވިތާ ކުޑަ ވަގުތުކޮޅެއް ފަހުން ނަގާފައިވާ ފޮޓޯއެއް/ފޮޓޯ: އާއިލާ

ޝިޒްލީ މަސައްކަތްކުރަމުންދާ ކުންފުނިން ސިފަކުރި ގޮތުގައި ޝިޒްލީން އަނބުރާ ރާއްޖެ ހިނގައްޖެނަމަ އެ ކުންފުންޏަށް އެލިބުނީ ފޫބައްދަން ދަތި ގެއްލުމެކެވެ.