ބޮން ގޮއްވުމުގެ ކުރިން ލަންކާ ފުލުހުންގެ އިސްވެރިޔާ، ޕުޖުތް ޖަޔަސުންދަރާ ވަނީ އެފަދަކަމެއް އުޅޭކަމުގެ އިންޒާރު ދީފައިކަމަށް ބޭރުގެ ބައެއް މީޑިއާތަކުން ބުނެފިއެވެ.

ބޭރުގެ މީޑިއާއެއް ކަމަށްވާ، 'ދަ ޓައިމްސް އޮފް އިންޑިއާ' އިން ބުނެފައިވާ ގޮތުގައި، ޕުޖުތް ވަނީ މިފަދަކަމެއް ހިނގާފާނެކަން މުޅި ލަންކާގެ ސަމާލުކަމަށް ގެނެސްފައެވެ. މިމަހު 11 ވަނަ ދުވަހު އޭނާ ވަނީ އިންޓެލިޖެންސް އިންޒާރެއް ފުލުހުންގެ އިސްވެރިންނަށް ފޮނުވާފައެވެ.

މިހާތަނަށް ލިބިފައިވާ މައުލޫމާތަށް ބަލާއިރު ބޮމުގެ ހަމަލާ ދީފައިވަނީ ތިން ޗާޗެއްގެ އިތުރުން ތިން ހޮޓަލެއްގައެވެ. އޭގެ ތެރޭގައި ކިންގްސްބަރީ، ސިނަމަން ގްރޭންޑް އަދި ޝަންގްރިއްލާ ހޮޓަލް ހިމެނެއެވެ. މިއީ އާންމުކޮށް ދިވެހިން ގޮސް އުޅޭ ތަންނަނެވެ. މިއީ ކައިރި ކައިރީގައި ހުންނަ ތިން ހޮޓަލެވެ.

މި ހަމަލާތަކުގައި 160 މީހަކު މަރުވިކަމަށް މިޑިއާތަކުން ރިޕޯޓް ކުރާ އިރު، 500 އަށްވުރެ ގިނަ މީހުންނަށް އެކި ވަރުގެ ޒަހަމްތައް ލިބިފައިވާކަމަށް ސްރީލަންކާގެ ކޮލަމްބޯ ނޭޝަނަލް ހޮސްޕިޓަލުން މައުލޫމާތުދެއެވެ. މިމީހުންނަށް ފަރުވާ ދެމުންދަނީ ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެންނެވެ. މިހާރު ކޮލަމްބޯ ނޭޝަނަލް ހޮސްޕިޓަލްގެ އިތުރުން 2 ހޮސްޕިޓަލެއްގައި ޒަހަމް ވި މީހުންނަށް ދަނީ ފަރުވާ ދެމުންނެވެ.

ބޮމުގެ ހަމަލާ އަމާޒުވި ވަގުތަކީ، ގިނަ އަދަދެއްގެ ކްރިސްޓިއަނުން އީސްޓާ ފާހަގަކުރުމަށް ޗާޗްތަކަށް ޖަމާވެފައިވާ ވަގުތެއް ކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ.