ޕޮލިސް ކޮމިޝަނަރެއް ގެ ގޮތުގައި ހުންނަވަނިކޮށް ރަށުތެރޭގައި މީހަކު މަރާލީމާ އެނގިވަޑައި ނުގަންނަވައޭ ވިދާޅުވުމަކުން ނުފުދޭނެ ކަމަށް ވިދާޅުވެ ކުރީގެ ރައީސް މުހައްމަދު ނަޝީދާ ގާތް ގުޅުމެއް އޮންނަ ހާމިދު އަބްދުލްޣަފޫރު، ޖުމްހޫރީ ޕާޓީގެ ޕާލިމެންޓްރީ ގްރޫޕުގެ ލީޑަރު އަބްދުﷲ ރިޔާޒަށް ރައްދު ދެއްވައިފިއެވެ.
ކުރީގެ މަޖިލިސް މެންބަރު ހާމިދު މިހެން ވިދާޅުވީ، އުނގޫރާފު ދާއިރާގެ ކުރީގެ މެންބަރު އަދި މަޝްހޫރު ދީނީ އިލްމުވެރިޔާ ޑރ. އަފްރާޝީމް އަލީ އަވަހާރަ ކޮށްލި މައްސަލައިގައި ހާމަކުރައްވާނެ އިތުރު އާ މައުލޫމާތެއް ނެތްކަމަށް އޭރު ޕޮލިސް ކޮމިޝަނަރު ކަން ކުރެއްވި ރިޔާޒު ރޭ ވިދާޅުވުމާ ގުޅިގެންނެވެ.
މިކަމާ ގުޅިގެން ހާމިދު މިއަދު ކުރެއްވި ޓްވީޓެއްގައި މަރު ކޮމިޝަނަށް ރިޔާޒު ހާޒިރުކޮށް ސުވާލު ނުކުރަނީ ކީއްވެގެން ކަމާ މެދު ވެސް ސުވާލު އުފައްދަވާފައި ވެއެވެ.
"ކާކު ޤަބޫލު ކުރަނީ! ބަޣާވާތް ކޮށް މަމީ ޕޮލިސް ކޮމިޝަނާ އޭ ކިޔާ ހުރެ، ރަށުތެރޭ މީހަކު މަރާލީމަ މަށަށް ނޭނގެ އޭ ބުނުމަކުން ނުފުދޭ. ސުއޫދު ކޮމިޝަނަށް ތިޔަ ރިޔާޒް ގެންގޮސް ސުވާލު ނުކުރަނީ ކީއްވެ؟" ހާމިދުގެ ޓްވީޓް ގައި ލިޔުއްވާފައި ވެއެވެ.
އަފްރާޝީމްގެ މަރާ ގުޅިގެން ރިޔާޒް ވިދާޅުވީ، ކޮމިޝަނަރު ކަމުގައި ހުންނަވައިގެން ލިބިވަޑައިގެން ހުރިހާ މައުލޫމާތެއް ފުލުހުންގެ އިދާރާގައި ހުންނާނެ ކަމަށެވެ. އަދި އެކަމުގައި ރިޔާސީ ކޮމިޝަނަށް ބޭނުންވާ މައުލޫމާތު ފުލުހުން ފޯރުކޮށްދީފައި ވާކަމަށް ގަބޫލުފުޅު ކުރައްވާ ކަމަށް ރިޔާޒް ވިދާޅުވިއެވެ.
މީގެ އިތުރުން ރިޔާޒް ވިދާޅުވީ އެ މައްސަލައިގެ ތަހުގީގު އަދިވެސް ކުރިއަށްދާތީ އެ ވާހަކަ ތައް ސޯޝަލް މިޑިއާގައި ހާމަކުރައްވަން ބޭނުންފުޅު ނުވާކަމަށެވެ.
ހާމިދު ބުނާހެން ރިޔާޒް އާއިވެސް ސުވާލުކުރަން ޖެހޭނެ ކަމައް ގަބޫލުކުރަން.. ހަމަ އެގޮތައް ކެނެރީގޭ މުހައްމަދު ނަޝިދު އާއިވެސް ސުވާލުކުރަން ޖެހެކަމައް ދެކެން . ނަޝިދު ބުނެފައިވޭ " ހަމަ އެރޭ އަފްރާޝީމް ގެ ގާތިލް ރާއްޖެއިން ފުރައިގެން ހިގައްޖެ" ކަމައް.. އެހެން ކަމުން ގަބޫލުކުރެވޭ ނަޝިދު އަށް މި ގަތުލު ހިންގުމުގެ ކުރިން އަދި ފަހުން ވެސް ހިގާދިޔަ ވަރައްގިނަ ކަންކަން އިނގި ހުރެފޮރުވައިފައިވާކަން ..